ސްޓެލްކޯގެ "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އެވެ.

މިއީ ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މެނޭޖަރުންނަށް ބާއްވާ ޕްރޮގްރާމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމް ޚާއްސަ ކޮށްފައިވަނީ ސްޓެލްކޯއިން ޚިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށެވެ. ޕްރޮގްރާމުގެ މުއްދަތަކީ ހަތަރު ދުވަހެވެ.

މި ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ލީޑަރޝިޕް ހުނަރާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ޚިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް ދަސްކޮށްދެއްވާނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްޓެލްކޯގައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނޭ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.