ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" މިއަދު އިފްތިތާހު ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ "ކަރަންޓު ބޭނުންވާ މިންވަރާއި ބޭނުންކުރާ މިންވަރު މިއަންނަނީ އިތުރުވަމުން. ސަރުކާރުގެ މިދާއިރާގެ ވަޒީރެއްގެ ހައިސިއްޔަތުން އަދި ފިނޭންސް މިނިސްޓްރީއާއެކު ކުރާ މަސައްކަތުން އަޅުގަނޑުމެން ކަންބޮޑުވޭ ކަރަންޓަށް އަޅުގަނޑުމެން ބަރޯސާވާ މިންވަރު އިތުރުވަމުންދާތީ،" މިނިސްޓަރ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ކަރަންޓަށް ބަރޯސާވާ މިންވަރު އިތުރުވަމުން އަންނަ ވަރަކަށް ކަރަންޓު ސަބްސިޑީ ދޭންޖެހޭ މިންވަރުވެސް އެތައް ގުނައަކަށް އިތުރުވަމުން އަންނަ ކަމަށެވެ. ކަރަންޓު އުފެއްދުމަށްޓަކައި މިހާރުވެސް އަހަރަކަށް 400 މިލިއަން ޑޮލަރު ތެލަށް ހޭދަކުރަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ދުނިޔޭގެ މަސްރަހަށް މިހާރު އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ތެލަށް ކުރާ ޚަރަދު އިތުރުވެގެންދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެ ޚަރަދު އިތުރުވާ ކަމަށްވާނަމަ އަތުން ހޭދައެވަނީ ރަށްރަށުގެ ތަރައްގީއަށް ޚަރަދުކުރެވިދާނޭ ފައިސާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް މިނިސްޓަރ މިއަދު ވަނީ ތައުރީފްވެސް ކުރައްވައިފައެވެ. އެކަމަނާ ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތައްހުރި ކަމަށެވެ. އެހެނަސް މެނޭޖަރުންގެ މަސައްކަތުން މިހާރު ކަރަންޓު ކެނޑިއްޖެޔޭ ފެންކެނޑިއްޖެޔޭ ކިޔާ އަޑެއް ނީވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ކޮންމެ ދުވަހަކު އެތަންތަން ހިނގާ ނުހިނގާ ގޮތް ބައްލަވައި ކަންކަން ރަނގަޅު ކުރެއްވުމަށް މެނޭޖަރުން ކުރައްވާ މަސައްކަތަކުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވިއެވެ.

ކަރަންޓު ކެނޑުމަކީ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރުކުރާނޭ ކަމެއް ކަމަށާއި ކަރަންޓު ކެނޭޑޭނަމަ ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތަކާއި އެހެނިގެން ބައެއް ޚިދުމަތްތަކަށް ވެސް ހުއްޓުމެއް އަންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިކަންކަން ހައްލު ކުރުމަށް ސްޓެލްކޯ ދެންވާންޖެހޭނީ ރާއްޖޭގެ ރިނިއުބަލް އެނާޖީ އުފައްދާ ތަނަށް ކަމަށް ވެސް ވިދާޅުވިއެވެ.

ސްޓެލްކޯއަށް ތައުރީފް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރަނީ އެކުންފުންޏަކީ ބައިނަލް އަގުވާމީ ފެންވަރުގެ ތަނަކަށް ހެދުމަށް ކަމަށެވެ. އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ސްޓެލްކޯއަކީ މިހާރު ވެސް ކަރަންޓުގެ ޚިދުމަތް ދިނުމަށް ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެންމެ ގާބިލް ކުންފުނި ކަމަށެވެ.