ދެހާސް ތިރީސް ވަނަ އަހަރު "ނެޓް ޒީރޯ" ޓާގެޓް ހާސިލުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ޓާގެޓް ހާސިލް ކުރުމަށްޓަކައި ސްޓެލްކޯގެ ހިއްސާ ނުވަތަ އެހީތެރިކަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ސްޓެލްކޯއަށް ބޭނުންވާ އިންވެސްޓް ސަރުކާރުން ކޮށްދެއްވާނޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. މި ޓާގެޓް ހާސިލް ކުރުމަށް ގެތަކުގެ ފުރާޅުގައި "ހޯމް ސޯލާ" ހަރުކުރުމަކީ ރައްޔިތުންނަށް ކުރެވިދާނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ދެހާސް ތިރީސްވަނަ އަހަރާ ހަމައަށް ނެޓް ޒީރޯގެ ޓާގެޓް އެޗީވުން. މިޓާގެޓު އެޗީވް ވުމުގައި ސްޓެލްކޯގެ ހިއްސާ ސަރުކާރަށް ވަރަށްބޮޑު. އެހެން ކަމުން ރަށްރަށުގައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސަރުކާރުން ތިޔަ ބޭފުޅުންނަށް އިންވެސްޓްކޮށްދޭނަން. އެކަންކަން ކުރުމަށް ތިޔަބޭފުޅުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމް ކުރުމަށް ވެސް އަޅުގަނޑުމެން މަސައްކަތްކޮށްދޭނަން. އަޅުގަނޑުމެން ބޭނުންވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކީގައި ރާވާލައިގެން މިކަން ކުރެވޭނޭ ގޮތެއް،" މިނިސްޓަރ ވިދާޅުވިއެވެ.އެކަމަނާ ވިދާޅުވީ ސަރުކާރުން މިހާރުވެސް ތެލަށް ސަބްސިޑީ ވެސް ދެމުން ގެންދާ ކަމަށެވެ. ސަބްސިޑީ ދޭން ނުޖެހޭނަމަ އެ ފައިސާއަކީ ރައްޔިތުންގެ ތަރައްގީއަށް ހޭދަކުރަން ހުންނާނެ ފައިސާ ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެން ސަބްސިޑީ ދޭންޖެހޭ މިންވަރު ކުޑަވާނޭ ގޮތަށް ހަކަތައިގެ ސިޔާސަތުތައް ބައްޓަން ކުރުން. އަދި މިކަންކަން ކުރުމަށް ތިޔަބޭފުޅުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ،" މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ހަކަތަ އިގްތިސާދު ކުރަންޖެހޭ ކަމުގެ މެސެޖު ރައްޔިތުންނާ ހަމައަށް ކެނޑިނޭޅި ކޮންމެދުވަހަކު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް ކަރަންޓަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށާއި މިވަރަށް ކަރަންޓު ބޭނުންކުރަންޏާ މާލެއަށްއެކަނި ބެއްޔަށް 2023 ވަނަ އަހަރު ކަރަންޓަށް އިތުރު އިންވެސްޓްކުރަންޖެހޭނޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރަށްރަށުގައި ވެސް އެކަން އޮތީ އެހެން ކަމަށާއި، ކޮންމެ ރަށަކަށް ދިޔަސް ބުނަނީ އިންޖީނުގެ ރިލޯކޭޓު ކޮށްދިނުމާއި ކަރަންޓު ކެނޑޭ މައްސަލަ ދިމާވުމާއި އިތުރު އިންޖީނެއް ބޭނުންވާ ވާހަކަ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަކަތަ އިގްތިސާދު ކުރާ ކަމަށްވާނަމަ 2023 ވަނަ އަހަރު އަންނައިރު 10 މެގަވޮޓު ދަށްކުރެވޭނޭ ކަމަށް ވެސް ވިދާޅުވިއެވެ.