އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަޙުމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވަން އުޅުއްވާ ވާހަކަ އެތައް ދުވަހެއް ވަންދެން ދެކެވުމަށްފަހު އެންމެ ފަހުން އެކަން ހަގީގަތަކަށްވާނޭ ކަމަށް ކަަށަވަރު ވެއްޖެއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ޕްރައިވަޓައިޒޭޝަން ބޯޑަށް މިހާރު ވަނީ ފޮނުވާފައެވެ. ސްޓެލްކޯގެ މިހާރުގެ މެނޭޖިންޑިރެކްޓަރަކީ ހަސަން މުޣުނީއެވެ. އޭނާ އެމަގާމުގައި ހުންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ. އޭނާ ދެން ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ އެނާޖީ އޮތޯރިޓީއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މަގާމަށް ޝަރީފް ވަޑައިގަންނަވަނީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައި ކަމެއް އެނގިފައެއް ނުވެެއެވެ.

އަހުމަދު ޝަރީފަކީ ބައެއް ސްކޫލްތަކުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، އަތޮޅުވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕިޔުޓީ މިނިސްޓަރު ކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ ކަމާއި އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީޖެނެރަލް ކަމާއި އެތަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުންފުނިތަކަށް މި ގެންނަ ބަދަލުތަކުގެތެރޭގައި ސަރުކާރު ހިއްސާވާ އެެހެން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ބަދަލު ކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ވެމްކޯގެ އެމްޑީ އާދަމް މުޙައްމަދު ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ޕޯސްޓް އޮފީހުގެ އެމްޑީ ކަމަށެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރަން ހަމަޖެހިފައިވަނީ އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެވެ. ޕޯސްޓު އޮފީހުގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މިހާރު ހުންނެވި އަޙުމަދު ޝަފީގު ބަދަލުކުރައްވާނޭ ތަނެއް އަދި އެނގިފައެއް ނުވެއެވެ.