ފަގީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އިސްލާމިކް މިިނިސްޓްރީން ގުޅިގެން ފެށި ޕްރޮގްރާމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފަސް އަހަރުގެ މުައްދަތަކަށް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މި ޕްރޮގްރާމުގައި އެހީ ދިނުމުގައި އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ އުމީ ތަރައްޤީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި 2021-2022 ގައި ހިންގާނެ ޕްރޮގްރާމްތަކުގައި ގެދޮރުން އާމްދަނީ, ޕޯލްޓްރީ ފަރމިންގ, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން, ފަރުމަސްވެރިކަން, ފެހުން, ތަމްރީން/ "އޮން ދަ ޖޮބް" ޓްރައިނިންގ / އެޕްރެންޓިސްޝިޕް ފުރުސަތުތަށް ހޯދައިދިނުން ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.