އެސް ހޮޓެލް އެންޑް ޕލކ އާއި ދިވެހިސަރުކާރާ ދެމެދު ދިވެހިންނަށް ހިތްހަމަޖައްސާލަން ދާނެ ޕާކެއް ހެދުމުގެ މަސްރޫޢުގައި ސޮއިކޮށްފިއެވެ. މި ޕާކް ހެދުމަށް ހަމަޖެހިފައިވަނީ ސިންގހާ ޕލކ އިން ރާއްޖޭގައި ހިންގާ ކްރޮސްރޯޑް މޯލްޑިވްސްގައެވެ.

މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ އާބާދީއަށާއި އަދި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ތައްޔާރުކުރާ މި ޕާކަށް މާލެއިން ފުރައިގެން 15 މިނެޓުން ދެވޭނެއެވެ. އަދި މިތަނަށް އެއްފަހަރާ 500 މީހުނަށް ވަދެވޭނެކަމަށް ޓްރެވަލް ޓްރޭޑް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ.

މި ޕާކުގައި މިސްކިތަކާއި އާންމުންނަށް މޫދަށް އެރެވޭނެ ގޮނޑުދޮށާއި ގިނަ އަދަދެއްގެ ބާބަކިޔު ސަރަހައްދުތައް ތައްޔާރު ކުރާނެއެވެ. އަދި ގޮނޑުދޮށުގައި ކުދި ގެތަކެއްވެސް ހުންނާނެކަމަށް ޓީޓީއެމް އިން މައުލޫމާތު ދެއެވެ.

މިއަހަރު ފަހުކޮޅު ހުޅުވުމަށް ހަމަޖެހިފައިވާ މި ޕާކްގައި ބީޗް ވޮލީއާއި ފުޓްބޯޅަ ފަދަ ކުޅިވަރުތައްވެސް ކުޅެވޭނެއެވެ. އަދި މި ޕާކަކީ ހިނގާބިނގާ އޫޅުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފަސޭހައިން އުޅެވޭގޮތަކަށް ފަރުމާކުރެވިފައިވާ ތަނަކަށް ވާނެކަމަށް ޓީޓީއެމް އިން ބުނެއެވެ.

މި ޕާކަށް ޒިޔާރަތްކުރާ މީހުންނަށް ޕާކާ އިންވެގެން އޮތް ކްރޮސްރޯޑް މޯލްޑިވްސްގެ ޑިސްކަވަރީ ސެންޓަރަށްވެސް ޒިޔާރަތްކުރެވޭނެއެވެ. މި ސެންޓަރަކީ ދިވެހިރާއްޖޭގެ މުއްސަނދި ތަރިކަ އާއި ތާރީޚު " އިންޓްރެކްޓިވް ޑިސްޕްލޭ " ގެ ޒަރިއްޔާއިން ފެންނާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

މި ޕާކަށް ޒިޔާރަތްކުރާ މީހުންނަށް މޫސުމީ ބަދަލުތަކާއި ކުނި ނައްތާލުމާބެހޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ޕާކް ހިންގާފަރާތުން ވަނީ ރާވާފައެވެ. މިއީ ދިވެހިރާއްޖެ އާއި އެސްހޮޓެލްގެ ފަރާތުން އދ ގެ ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް މަސައްކަތްކުރާކަމުގެ ސާފު ހެއްކެކެވެ.

އަދި މި ޕާކަށް ޒިޔާރަތްކުރާ މީހުންނަށް ފެންމަތީގެ ދިރުމާއި ފެނުއަޑީގެ ދިރުމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މިއީ އޭޝިއާ ސަރަޙައްދުގައި ގިނަ ރައްތަކެއް އެކުލަވަލައިގެން " ހިތް އުފާކޮށްދޭ " ފުރަތަމަ ޕާކަށް ވެގެން ދާނެއެވެ.

3 ހެކްޓަރުގައި ހަދާ މި ޕާކް ވެގެންދާނީ ތޮއްޖެހިފައިވާ މާލެގައި ދިރިއުޅޭ ރައްޔިތުންނަށް އާއިލާއާއި ރައްޓެހިންނާއެކު ސާފު މާހައުލެއްގައި ވަގުތު ހޭދަކޮންލަންލިބޭ ހިތްގައިމު ތަނެއްކަމުގައެވެ.

މި ޕާކު ހެދުމާއި ހަވާލުވެފައިވާ އެސް ހޮޓެލް އިން ހިންގާ ކްރޮސް ރޯޑް މޯލްޑިވްސްއަކީ އޭޝިއާ ޕެސިފިކްގެ 2021 އަދި 2022 " ބެސްޓް ލެޝާ ޑިވޮލެޕްމެންޓް މޯލްޑިވްސް 5 ތަރި " ގެ ޝަރަފުވެސް ލިބިފައިވާ ރިސޯޓެކެވެ.