މިހާރު ވެސް މަސްދަޅު ވިއްކާ އަގުގައި ކުރިއަށް އޮތް ރޯދަ މަހު ވެސް ކަސްޓަމަރުންނަށް މަސްދަޅު ލިބޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ރޭ ބުނީ ކުރިއަށް އޮތީ ރޯދަ މަސް ކަމުން މާދަމާއިން ފެށިގެން މަސްދަޅު އަގު ބޮޑުކުރަން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންގެ އަތުން މަަސް ގަންނަ އަގު މިއަދުން ފެށިގެން ބޮޑުކުރާ ގޮތަށް ކުރިން އޮތް ނަމަވެސް ރޯދަ މަހުގެ ޕްރޮމޯޝަނާ އެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މަސް ގަންނަ އަގު ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.