ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަލުން ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަލުން ހަވާލުކުރީ ވިލާ އެއާއާ އެކު 50 އަހަރަށް ހަދާފައިވާ އެއްބަސްވުން 2017 ގައި ސަރުކާރުން ބާތިލުކުރި ގޯސްކޮށް ކަމަށް މޭ މަހު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ބުނެފައި ވަނީ ވިލާއާ އެއާޕޯޓް ހަވާލު ނުކުރެވި އޮތީ ވިލާއަށް ބަދަލުގައި ލިބެން ޖެހޭ ކަންކަން ނުނިމިގެން ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ވިލާ އެއާއިން ސިވިލް ކޯޓަށް ހުށަހަޅާ މައްސަލާގައި ބަދަލު ނަގައިދޭނެ އުސޫލެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން، ނަގައިދެވޭނެ ބަދަލުތަކާއި ކުޑަކުރެވޭނެ ބަދަލުތަކާއި ނަގައިނުދެވޭނެ ބަދަލުތައް އެ އުސޫލުގައި ތަފްސީލްކޮށް ބަޔާން ކުރައްވާފައިވެ އެވެ. މުސްތަގުބަލުގައި ލިބޭނެ ފައިދާގެ ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެކަން އުސޫލުގައި ފާހަގަކުރި އެވެ.