ސަރުކާރުން މިހެން ވިދާޅުވީ ރ. ދުވާފަރު ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރަކަށް ހުރި އާމިރު އަހުމަދު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ އޭނާ ވަޒީފާއިން ވަކިކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީއާއި ފައްޔާޒު އިސްމާއީލާ ދެބޭފުޅުންގެ ތެރެއިން އިމްތިޔާޒު ފަހުމީއަށް އޭނާ ތާއިދު ކުރުމުން ކަމަށެވެ.

އެހެނަސް އެކަން ހިނގާފައިވަނީ ފާޑުކިޔާ މީހުން ތުހުމަތު ކުރާ ގޮތަށް ނޫންކަމަށް މަބުރޫކް ވިދާޅުވިއެވެ. "މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން،" މަބުރޫކު ވިދާޅުވެފައިވެއެވެ.

އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ވެސްނޫން ކަަމަށް ވިދާޅުވިއެވެ. މަބްރޫކް މިއަދު ވިދާޅުވެފއިވަނީ އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ ކަމެއް ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށެވެ.

ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންވާ މީހަކަށް ނުވަތަ ފަރާތަކަށް ތާއީދުކުރުމާއި ވޯޓުލުމަކީ ކޮންމެ ފަރުދަކަށް، އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް، އޮތް ޙައްގެއް ކަމަށް މަބުރޫކް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެ ޙައްޤަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް އަމަލެއް ދިމާވެފައިވާނަމަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.