ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް، ހ.ސަންދަލީގެ، ޙަސަން މުޣުނީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ޙަސަން މުޣުނީ މީގެ ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.

ޙަސަން މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާޞިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމުން މުޣުނީ ވަކިކުރައްވާފައިވައިނީ އިއްޔެއެވެ. އަދި އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް މިހާރުވަނީ އައްޔަން ކުރައްވާފައެވެ.