ފަސްރަށެއްގައި ފަސް ޕްރޮޖެކްޓެއް ހިންގުމަށް އެލްޖީއޭއިން އެރަށްރަށުގެ ކައުންސިލްތަކާ މިއަދު ހަވާލު ކުރައްވައިފިއެވެ. މިއީ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

މިއަދު ހަވާލުކުރި މަޝްރޫއުތަކަކީ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު، ލ. ކަލައިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު، ތ. ކިނބިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު، ލ. ދަނބިދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު އަދި ޅ. ހިންނަވަރު ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއެވެ.

މަޝްރޫއުތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލގް ފަރާތުން ސޮއިކުރެއްވީ އެ ސިޓީގެ މޭޔަރެވެ.

މިކަމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސީ.އީ.އޯ ދެއްކެވި ވާހަކަ ފުޅުގައި މި ޕްރޮޖެކްޓްތަކުގެ މުހިންމުކަން ފާހާގަކުރައްވައި، ޕްރޮޖެކްޓް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލް.ޖީ.އޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް ސީއީއޯ ވަނީ ހިއްސާ ކުރައްވައިފައެވެ. ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، ކައުންސިލްތައް ތަރަށްގީކޮށް ކައުންސިލްތަކަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކުރުމީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ކައުންސިލްތަކުން ދެއްކެވި ވާހަކަފުޅުގައި މި ޕްރޮޖެކްޓްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރު ހުރި އިމާރާތުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދިނުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަލަށް މި ޤާއިމްކުރެވޭ އިމާރާތްތަކުން މި މައްސަލަތަކަށް ރައްޔިތުންނަށް އެތައް ފައިދާތަކެއް ކުރާނެކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވިއެވެ.