ރާއްޖޭގެ ސްކޫލް ތަކަށް ޕްރިންސިޕަލުން ތަމްރީން ކުރުމަށް ރޭ ތައާރަފް ކުރި ސްކޮލަރޝިޕް މަޝްރޫޢުގެ ދަށުން ސްކޮލަރޝިޕް ލިބިވަަޑައިގެންނެވި ބޭފުޅުން މިމަހު މެލޭޝިއާއަށް ފުރައިވަޑައިގަންނަވާނެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމު އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ރޭ ވިދާޅުވީ ރޭ ވަނީ 20 ބޭފުޅަކަށް ސްކޮލަރޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ކަމަށެވެ. "މި ބޭފުޅުން މި ހިނގާ މާޗުމަސް ތެރޭގައި ކިޔެވުން ފެށުމަށް މެލޭޝިއާއަށް ދަތުރުކުރައްވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މީގެސަބަބުން ލިބިވަޑައިގަންނަވާ އެންމެބޮޑު އުފަލަކީއަންނަ އަހަރުގެ އޭޕްރީލްމަހު މި ބޭފުޅުން ތަމްރީން ލިބިފައިވާ ނާޒިރުންގެ ގޮތުގައި ސްކޫލްތަކާ ގުޅޭނެތީއެވެ. މި ބޭފުޅުންގެ ޚިދުމަތް ލިބެން ފެއްޓުމުން ސްކޫލްތަކުގެ ހިންގުން ހަރުދަނާވެގެންދާނޭ ކަމަށް އެކަމަނާވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރިންސިޕަލުންގެ ޒިންމާއަކީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ މަސައްކަތެއްކަމަށެވެ. އެ މަސައްކަތް ހިތްވަރާއެކު ރަނގަޅަށް ކުރެއްވިއްޖަނަކަމަށްވާނަމަ އެކަމުގެ ސަބަބުން ދެމިގެންދާނޭ ހިތްހަމަޖެހުމެއްލިބޭނޭ ކަމަށް ވިދާޅުވިއެވެ. ޓީޗަރުން ފިޔަވައި ދަރިވަރުންގެކިޔެވުމަށް އެންމެ ހެޔޮބަދަލެއް ގެނެވޭނީ ވެސް ޕްރިންސިޕަލުންނަށް ކަމަށް އެކަމަނާވިދާޅުވިއެވެ.

"ތިޔަ ކުރިމަތިލެވެނީ ގަދަރުވެރި ޒިންމާ ބޮޑު މަސައްކަތަކާ. އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ތިޔަބޭފުޅުން ހަނދާނުގައި ބަހައްޓަންވާނެ. ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން ތިއިން ކޮންމެ ބޭފުޅަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށްގެންދެވޭނެ ވެށި ސްކޫލުގައި އުފައްދާ ފަރާތަކަށް ވާންވާނޭ،" ރޭގެރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވިއެވެ.