ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ލުއިތަކެއްދީފިއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާއިން ޑަބްލިއޫ އެޗް.އޯ.އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ކޯވިޑް -19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ. މިގޮތަށް ޢަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖޭން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީ.ސީ.އާރު ޓެސްޓްވެސް ހަދަން ނުޖެހޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ކުރިން ދީފައިވާ ގިނަ ލުއިތަކަށް ބަދަލު ގެނެސްފައިވެއެވެ. ކޯވިޑްގެ އާ ވޭރިއަންޓާއެކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުފުލިގެން ދިޔުމުން އެޗްޕީއޭއިންވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ހާލަތު ރަނގަޅުވަމުންދާތީ އެޗްޕިއޭއިން ދަނީ ގިނަ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައިވެސް ވެކްސިން ފުރިހަމަ ކޮށްފައިވަނަމަ ޕީސީއާރު ޓެސްޓަކާއި ނުލައި ދަތުރުކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. އަދި އާންމު އެއްވުންތަކާއި، ޕާޓީ، ހަފްލާތައްވެސް ބޭއްވުމަށް ވަނީ ހުއްދަ ދީފައެވެ.