ގޮދަށް ފުށް ކާރުޚާނާގެ ސަރވޭތަކުގެ މަސައްކަތް ނިމިއްޖެ ކަމަށް އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އަމްރު ވިދާޅުވީ ސަރވޭތަކުގެ މަސައްކަތް ނިމި، އެކަމަށް ބޭނުންވާ ފަންޑުވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ކުޅުދުއްފުށި ސިޓީ ގައި މި ކާރުޚާނާ ހެދުމާއިގުޅޭގޮތުން އަމްރު ވިދާޅުވީ އެއީ އުތުރުގެ ވިޔަފާރީގެ މައި ހަބުކަމަށްވާތީ ކަމަށެވެ. އަދި އެ ސަރަޙައްދަކީ އެފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށްވުމުންކަމަށެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން އެ ސިޓީއަށާއި އެ ސަރަޙައްދަށްވެސް ވިޔަފާރިއާއި އިޤްތިޞާދީގޮތުން އެތައް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާގިނަ ދުވަހު ބެހެއްޓޭނެ ފުށެއްނޫން. އެތަކެތި ބެހެއްޓުމަށްޓަކާއި ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވޭ." އަމްރު ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނަކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ.