ފެނަކަ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ސެޓިފިކެޓް ލެވެލް 3 އިން އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް ކޯސް ފުރިހަމަކުރި ދަރިންވަރުންނަށް އާދީއްތަވިލޭރޭ ސެޓްފިކެޓް ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މީރުމާގައެވެ.

ތިންމަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވެ 23 ދަރިވަރަކު ވަނީ ސެޓުފިކެޓެ ހާސިލް ކޮށްފައެވެ. މިއީ ފެނަކަ އިންސްޓިޓިއުޓުން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ "ފެނަކަ އިންސްޓިޓިއުޓް" އިން ފަށާފަވާ މި މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ ތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށް ކުރިއަށް ގެންދަވާ ވަރަށް ޚާއްސަ މަސައްކަތެކެވެ. "އެގޮތުން މިރޭގެ މި ޖަލްސާއަކީ އިންޖީން ރެޕެއަރ އެންޑް މެއިންޓަނަނަންސް ލެވެލް 3 ގެ ކޯހުގެ ފުރަތަމަ ބެޗްގެ ދަސްވެނިވުން،" ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. މިރޭގެ ދަސްވެނީންގެ ތެރޭގައި ތިން އަންހެން ބޭފުޅަކު ވެސް ހިމެނެއެވެ.

ފެނަކައިން ގެންދަވަނީ ރާއްޖޭގެ 154 އަށްވުރެ ގިނަ ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވަމުންނެވެ. އެހެންކަމުން އެތަންތަނަށް ބޭނުންވާ މީހުން ތަމްރީން ކުރުމަކީ އެކުންފުނީން ވަރަށް އިސްކަމެއް ދެއްވާކަމެއް ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ފުނަރު ޕްރޮގްރާމުގެ ނަމުގައި އެކުންފުނީން ފަށައިފައިވާ މި އެޕްރެންޓިޝިޕް ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ފޯރުކޮށްދޭ އަސާސީ ތިން ޚިދުމަތުގެ (ފެން، ނަރުދަމާ، ކަރަންޓު) ދާއިރާއަށް ފަންނީ ދިވެހީން ބިނާ ކުރުމަށްޓަކައި ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާރޗްއިން ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ގައި ބައިވެރިވާ މީހުންނަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖަނަރޭޓަރގެ މެއިންޓެނެންސް މަސައްކަތް ކުރާނެގޮތުގެ އަމަލީ ތަޖުރިބާ ލިބިގެން ގޮސްފައިވެއެވެ. ފުނަރު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ކޮންމެ ދަރިވަރަކަށް މަހަކު ތިންހާސް ރުފިޔާގެ އެލްވަންސެއް ވެސް ދީގެންނެވެ.

"މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ ރާއްޖޭގެ 8 ސަރަހައްދަކަށް އަމާޒުކޮށް 8 ރަށެއްގައެގޮތުން ށ.މިލަންދޫ، ހދ.ކުޅުދުއްފުށި، ނ.ވެލިދޫ، ތ.ވިލިފުށި، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ، ބ.އޭދަފުށި އަދި ސ.ހިތަދޫގައި" ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.

ކޯސް ނިންމުގެ ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަނާއި، ފެނަކަ ކޯޕޭޝަން ލިމިޓެޑްގެ ބޯޑް ޗެއަރމަން، މުހައްމަދު ރަޝީދާއި ފެނަކަ އެމްޑީ އަޙުމަދު ސަޢީދު މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ހައިސްކޫލްގެ ޕްރިންސިޕަލް، އިބްރާހީމް ނަދީމާއި ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފެނަކަ ބޯޑުގެ ޗެއަރމަން، މުހައްމަދު ރަޝީދާއި އެމްޑީ އަޙުމަދު ސަޢީދު މުޙައްމަދު ދަސްވެނިންނާއި މުޚާތަބު ކުރެއްވިއެވެ.