ށ. އަތޮޅު ނަރުދޫ ރައްޔިތުންނަށް ވެސް މުޅިން އައު އިންޖީނުގެއެއް ލިބެނީއެވެ.
ފެނަކަ ކޯޕަރޭޝަނުން އެރަށުގައި އިމާރާތް ކުރަމުންދާ އިންޖީނުގޭގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައެވެ. ފެނަކައިން ވިދާޅުވީ އެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މިއީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ނަރުދޫގައި ބިނާކުރަމުންދާ އިންޖީނުގެއެވެ. އެތަނުގެ މަސައްކަތް ނިމި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުމުން އެރަށުގެ މީހުންނަށް ވަރަށް ބޮޑުތަން ލުއިވެގެންދާނެއެވެ.
ފެނަކައިން މިހާރު ވަނީ ވަރަށްގިނަ ރަށްރަށުގައި އިންޖީނުގެތައް އަޅަން ފަށައިފައެވެ. އޭގެ ތެރެއިން މިއަހަރުގެ ނިޔަލަށް 28 އިންޖީނުގެ ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ށ. ބިލެއްފަހި އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ %100 މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.