މާލޭ ސިނަމާލެ ބްރިޖު ސަރަހައްދު ގޮނޑުދޮށަށް ރޭ އެރި ވެލާ އެޅި ބިސްތައް ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށް އީޕީއޭއިން ވިދާޅުވެއްޖެއެވެ. އީޕީއޭގެ ޑިރެކްޓަރޖެނަރަލް އިބްރާހީމް ނަޢީމް ވިދާޅުވީ އެ ވެލާ އަޅައިފައިވަނީ 96 ބިސް ކަމަށެވެ. އެ ބިސްތައް މިހާރުވަނީ ފޯސީޒަން ކުޑަހުރާއަށް ގެންގޮސް ރައްކާތެރި މާހައުލެއްގައި ވަޅުލައިފައެވެ.

ނައީމް ވިދާޅުވީ މި ބިސްތައް ފީވާން 40 ނުވަތަ 60 ދުވަހުގެ މުއްދަތެއް ހޭދަވާނޭ ކަމަށެވެ. "ބިސްތައް ވަޅުލާފައިވަނީ ގަވާއިދުން ޓެމްޕަރޭޗަރ ބެލޭނޭ ރައްކާތެރި މާހައުލެއްގައި. އެހެން ކަމުން ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ވެލާ ބިސްތައް ފީވަންދެން ބަލަހައްޓަމުން ގެންދާނެ،" ނައީމް ވިދާޅުވިއެވެ. ކުދިވެލާތައް ނުކުތުމުން އެއަށްވެސް ދޭންޖެހޭ ފުރިހަމަ ރައްކާތެރި ކަމާއެކު އޮންނަ އުސޫލުން މޫދަށް ދޫކޮށްލާނޭ ކަމަށް ނަޢީމް ވިދާޅުވިއެވެ.

ބްރިޖު ސަރަހައްދަށް ރޭ ވެލާ އެރުމާއެކު ފުލުހުންވަނީ އެއަށް ހިމާޔަތްދީފައެވެ. އެހެން ކަމުން ވެލާ ބިސްއަޅައިފައިވަނީ ފުލުހުންގެ ރައްކާތެރިކަމާއި ހިމާޔަތުގެ ދަށުގައޮ އޮވެގެންނެވެ.

https://twitter.com/MoEnvmv/status/1504075943580643331

ރަށްރަށަށް ވެލާ އަރައި ބިސްއެޅުމަކީ އާދައިގެ އަދި އެހާމެ އާންމު ކަމެކެވެ. އެހެންނަމަވެސް ރޭ މާލެއަށްއެރި ވެލާ ޚާއްސަވެފައި ނޫސްތަކުގައި އެވާހަކަ ލިޔަންޖެހުނީ މާލެއާއި މާލޭގެ ސަރަހައްދު މިހާރު އޮންނަގޮތުން ވެލައެއް އަރައި ބިސްއެޅުމަކީ ނާދިރު ކަމަކަށްވާތީއެވެ. އާންމުކޮށް ވެލާ ބިސްއަޅަނީ ފަޅުރަށްރަށާއި މީހުންއުޅޭ ރަށްރަށުގެ ތެރެއިން ވެސް މީހުން ނުދާ ނުވަތަ މީހުން މަދުން ގޮސްއުޅޭ ސަރަހައްދު ތަކަށެވެ. އެހެންނަމަވެސް މި ވެލާ މިވަނީ ކާރޫބާރު ބޮޑު މާލޭގެ ގޮނޑުދޮށަށް ބިސް އަޅައިފައެވެ. ވުމަށްވުރެ ނުވުން ދުރުކަމެއް ހިނގުމުން އެވާހަކަތައް މީޑިއާއަށް ތިލަވީއެވެ. ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ވެސް މިކަން ޚާއްސަވީ އެހެންވެގެންނެވެ. ވެލައެއްއަރާ ބިސްއަޅާތަން ފެނުމަކީ މާލޭފަދަ ރަށެއްގައި އުޅޭބަޔަކަށް ފެންނާނޭ މަންޒަރެއް ނޫނެވެ. އެހެންވީމާ މާލެއަށް އެރި ވެލާ ބިސްއަޅާތަން ބަލަން މީހުން ބޭނުންވީ އެވެ. ވެލާ ރޭ ބިސްއެޅިތަނަކީ އަބަދު ރާޅުޖަހާލަޖަހާލަ އޮންނަ ތަނެކެވެ. އެހެންވީމާ ބިސްތަކަށް ސަލާމަތްތެރިކަމެއް ނެތެވެ. އެހެން ކަމުން އީޕީއޭގެ ބެލުމުގެ ދަށުން ބިސްތައް ފޯސީޒަން ކުޑަހުރާއަށް ފޮނުވީއެވެ.

ހުސްވި މަހުގައި ވެސް އެސަރަހައްދަށް ވެލައެއް އެރިއެވެ. ފުލުހުން ވަނީ އޭތި އޮތް ވަޅުންނަގައި ބާއްވައިފައެވެ. ބޭއްވުމުން އެވަނީ އަމިއްލައަށް ފައިބައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.