އަހުމަދު ބިން ތައުލޫން މިސްރުގައި ވެރިކަން ކުރެއްވި ދުވަސްވަރު އެގައުމަށް ވެރިވެފައިވަނީ މޮޅިވެރިކަމާއި ހިތާމައެވެ. ބިރުވެރިކަމާއި މާޔޫސްކަމެވެ. އަނިޔާވެރި ކަމަކާއި ނާއިންސާފެވެ. ރައްޔިތުން ތިބީ މި އަނިޔާވެރިކަމާއި، ނާއިންސާފުން ފުރިގެންވާ ވެރިކަމުގެ ކުރިމަތީގައި އިސްޖަހައިގެންނެވެ. ކަނުލޮލަމާއި ބީރު ކަންފަތެއްދީ މަންމަން ބަޔަކަށް ވެގެންނެވެ. ގައުމުގެ ވެރިޔާގެ ކުރިމަތީގައި އުފްއޭ ބުނަންވެސް ރައްޔިތުން ތިބީ ބިރުންނެވެ. ލިބިދާނެ އަދަބެއްގެ ބޮޑު ކަމުންނެވެ.
މި އަނިޔާވެރިކަމާއި ނާއިންސާފުގެ ކުރިމަތީގައި ހެޔޮލަފާ ޞާލިޙް ބައެއް އިލްމުވެރިން އޭރުވެސް ތިއްބެވީ ކުޑަކަކޫ ޖައްސަވާ ގޮތަކަށް ނޫނެވެ. ހިނގަމުންދިޔަ އަނިޔާވެރިކަމާ ކުރިމަތިލައްވައި ފުރާނައިން ޤުރުބާންވާން އެބޭފުޅުޅުން ތިއްބެވީ ތައްޔާރަށެވެ. އޭގެތެރެއިން އެއްބޭފުޅަކީ މުހައްމަދު ހަމްދާން ބިން ސައީދެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އިލްމު އުނގަންނައި ދެއްވުމާއި މުންކަރާތްތައް ނަހީކުރައްވައި ފާޅުގައި ހައްޤުބަސް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.
ކޮންމެއަކަސް އެކަލޭގެފާނު މި އަނިޔާވެރި ވެރިމީހާގެ ގާތަށް ވަޑައިގެން ވެރިކަމުގައިހުރި ނުރަނގަޅު ކަންތައްތައް ބަޔާންކޮށްދެއްވިއެވެ. ދައުލަރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިންގަވަމުންގެންދަވާ ގޯސް އަމަލުތަކުގެ ވާހަކަދެންނެވިއެވެ.
މިވާހަކަތައް އަޑު އައްސަވާފައި އަހުމަދު ބިން ތައުލޫން އިންތިހާއަށް ކޯފާވިއެވެ. ހައްޤުބަސް ވިދާޅުވުމުން އެކަން ބަރުދާސްތު ނުކުރެވުނެއެވެ. އަދި ވަގުތުން މުހައްމަދު ހަމްދާން ބިން ސައީދު ހިފައި ހައްޔަރު ކުރުމަށް ސިފައިންނަށް އަމުރުކުރެއްވިއެވެ. އަދި އަދަބެއްގެ ގޮތުން ހައިވެފައި ތިބި ސިންގާ ތަކުގެ ތެރެއަށް އެއްލާލުމަށް އަމުރުކުރެއްއެވެ. އަދި މިއަމުރު ތަންފީޒްކުރުމަށްޓަކައި ސިންގާތަކަށް ކާންނުދީ އެތައްދުވަހަކު ބޭތިއްބުމަށްފަހު މިކުޅިވަރު ބެލުމަށް މީސްތަކުން އެއްކުރުމަށް އަމުރުކުރެއްވިއެވެ.
ކޮންމެއަކަސް އަހުމަދު ބިން ތައުލޫން ގެ އަމުރަށް ހަމްދާން ބިން ސައީދުގެ އަތުގައި ހިލިހިލާޖަހައިގެން ގޮސް ސިންގާތައް ތިބި ކޮށްޓަށް އެއްލާލެވުނެވެ. އޭރު މިމަންޒަރު ބަލަން އެއްވެފައި ތިބި މީހުންގެ ތެރޭގައި އެކަލޭގެފާނުގެ ދަރިވަރުންނާއި އެކަލޭގެފާނަށް ތަބާވާމީހުންވެސް ތިއްބެވިއެވެ. މީސްތަކުން ތިބީ ލޯމަރައިލައިގެން ނޭވާ ހިފަހައްޓައިގެންނެވެ. އަނެއްބަޔަކު ބާރުބާރަށް ރޮމުންގެންދިޔައެވެ. އެއްމެންނަށްވެސް ދެންވާނީ ކިހިނެއްކަން އެނގޭތީއެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ހައިވެފައި ތިބި ސިންގާތައް ވެރިވެގަންނާގޮތް ހިތަށްއަރާފައެވެ. ނަމަވެސް އެއްމެންވެސް އާޝޯހުވެ އަންތަރީސްވީ ހީކުރިގޮތާ ޚިލާފަށް ސިންގާތައް މަޑުމަޑުން ގޮސް އެކަލޭގެފާނުގެ ފައިންޕުޅުގައި ވަސްބަލާފައި ދުރަށް ޖެހިލުމުންނެވެ. މަންޒަރު ބަލަން ތިބި.މީސްތަކުންނަށް ހީވީ ނުފެންނަ ބާރަކުން ސިންގާތައް އެކަލޭގެފާނުގެ އަރިހުން ދުރަށް ގެންދާހެނެވެ. ދެން އެއަށްފަހު އެސިންގާތައް އެކަލޭގެފާނަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން ހެން ހީވާފަދައިން ދުރަށް ގޮސް ބިންމަތީގައި ބަނޑުޖަހާލާފައި އޮށޯވެ ތިބެއްޖެއެވެ. އެވަގުތު އެއްވެ ތިބި މީސްތަކުންގެ ތަކުބީރުގެ އަޑުން މުޅިތަން ގުގުމަންފެށިއެވެ.
ތައުޙީދުގެ ކަލިމައާއި ﷲ އަކުބަރުގެ އަޑުން މުޅިތަން ގުގުމައިގަތުމުން އަހުމަދު ބިން ތައުލޫން ލަދުވެތި ކަމާއެކު އިސްދަށަށް ޖަހާލިއެވެ. އަދި ހަމްދާން އިއްޒަތްތެރި ކަމާއެކު ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ.
ފަހުން ހަމްދާން ބިން ސައީދު އަރިހުގައި އެކަލޭގެފާނުގެ އަރިސްބޭފުޅުން ސުވާލުކުރެއްވިއެވެ. ”އެސިންގާތައް ކަލޭގެފާނާ ދިމާކޮށްލި އިރު އިހުސާސްތަކަކީ ކޮބައިތޯއެވެ؟“ ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. "لم يكن علي بأس، كنت أتفكر في سؤر السباع، هل هو طاهر أم نجس؟" (އަހަރެން އެއްވެސް ބިރެއް ނުގަނެއެވެ. އަހަރެން ވިސްނަމުން ދިޔައީ އެޝިކާރަވެރި ޖަނަވާރުންގެ ކުޅަކީ ޠާހިރު ނުވަތަ ނަޖިސް އެއްޗެއްތޯއެވެ.)
ޝައްކެއްވެސް ނެތެވެ. ﷲ ގެ ވަހީބަސްފުޅަކީ ހައްޤުބަސްފުޅެވެ. މާތްﷲ އަލް ޙައްޖު ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
މާނައީ: ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ، كافر ވާ އެއްވެސް މީހަކަށް، اللَّه ލޯބިވެ ވޮޑިގެނެއް ނުވެތެވެ.
މަސްދަރު: އިބްނި ކަޘީރުގެ އަލް ބިދާޔާ ވަން ނިހާޔާ
ސަޅި