ރަމަޟާންމަހަކީ ނިދުމުގެ އާދަ އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް އައްޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްތަކުގެ ދެވަނަ ފޯރަމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
” ރޯދައިން ލިބޭ އަޚްލާޤާއި ސުލޫކުގެ ފިލާވަޅުތައް" މި މަޢުޟޫއަށް މިރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން ޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވީ ނިންޖަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްކަމަށެވެ.
ނިދުމުގެ އާދަ މެދުމިނުގައި ގެންގުޅުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝައިޚްވަނީ އިންސާނުންގެ ކިބައިގައި ނިދީގެ ނިޒާމް މާތްﷲ ލައްވަވާފައިވާ ގޮތާއިބެހޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އަރާމު ނިންޖަކަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމާއި އިންސާނާގެ ނިދި ފުރިހަމަކުރުމަށް ނުންވަނީ ކިތައް ގަޑިއިރުކަމާއި ފުރިހަމަ ނިދި ލިބިގަތުމާއިއެކު ދަމުނަމާދު ލިބިގަތުމަށްޓަކައި ނިދުން އެންމެ ރަނގަޅު ވަގުތުތައްވަނީ ޕްރެޒެންޓޭޝަންގެ އެހީގައި ކިޔައިދެއްވާފައެވެ.
ރޭގަނޑު އަވަހަށް ނިދަން ޖެހޭކަން ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާކަމަށާއި ގިނައިން ކެއުމަކީ ރަސޫލާގެ ސުންނަތާއި ޚިލާފުކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ރޯދައަށް ހުރުމަށްފަހު ގިނައިން ކެއުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއްކަންތަކުގެ މައްޗަށްވެސް ބައްލަވާލައްވާ ޚާއްސަކޮށް މިކަމަށް ޒުވާނުން ވިސްނަންޖެހޭކަން އައްޝައިޚް ހަސަން ލަތީފް މޫސާ ވަނީ ފާހަގަކުރައްވާފައެވެ.
-އިސްލާމިކް މިނިސްޓްރީ