ރޯދައަކީ ނަފްސު އިޞްލާޙުކޮށް ތަރުބިއްޔަތު ކުރުމަށް ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާން އިޙްޔާ ފޯރަމްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ "ރޯދައިން ލިބޭ އަޚްލާޤާއި ސުލޫކުގެ ފިލާވަޅުތައް" މި މަޢުޟޫއުގެ މައްޗަށެވެ. މިނިސްޓަރ ވިދާޅުވީ މި ހިނގަމުންދާ ބަރަކާތްތެރިމަހަކީ ރޯދަމަހާއި އަދި ރޯދައިގެ ފަހުންވެސް ރިވެތި އަޚްލާޤުގެ ސިފަތަކުގެ މަތީ ދެމިހުރުމަށް ނަފްސު ހޭނުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަމަށެވެ. ރޯދައަކީ އިންސާނާގެ ކިބައިގައި ރިވެތި އަޚްލާޤުގެ ވަރަށް ގިނަ ސިފަތަކެއްވެސް އަށަގަންނުވާ އަޅުކަމެއްކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ލިބުނު އެއްޗަކަށް ރުހި ޤަބޫލުވުމުގެ ސިފައާއި ޒުހުދުވެރިކަމުގެ ސިފައާއި، ޢިއްފަތްތެރިވުމުގެ ސިފަ، ހިމެނޭކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ރޯދައަކީ މާއްދިއްޔަތަށްވުރެ ރޫހާނީ ގޮތުން ވަރުގަދަ ކުރުވާ އަޅުކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޯދައިން އިންސާނާގެ ކިބައިގައި އަށަގަންނުވާ އެއްސިފައަކީ އިޚްލާސްތެރިކަމުގެ ސިފަކަމަށާއި އަޅުކަމުގެ އެންމެ މުހިންމު އެއްކަމަކީ އިޚްލާސްތެރިކަންކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ރަމަޟާންމަހަށްފަހުވެސް މި އިޚްލާސްތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ރޯދައަކީ އިރާދައާއި ޢަޒުމްވަރުގަދަކުރުވާ އަޅުކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން ނަފްސު އެންމެހައި އެދުންތަކާއި ﷲ ޙަލާލުކުރައްވާފައިވާކަންތައްތަކުންވެސް ދުރުވެގެން ހުންނަނީ ވަކި މުއްދަތަކަށް ﷲ ނަހީކުރައްވާފައިވާތީކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރޯދައިގެ ފަހުން ﷲ ޙަރާމްކުރެއްވިކަންތައްތަކުންވެސް ދުރުހެލިވުމަށް މި ރޯދަމަހު ލިބުނު ތަރުބިއްޔަތު އެހީތެރިއަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ރޭ ވިދާޅުވީ ރަމަޟާން މަހަކީ ކެތްތެރިކަމުގެ މައްސަރުކަމަށެވެ. އެހެން ކަމުން ދިމާވާ އެކިއެކި ކަންކަމުގައިވެސް ކެތްތެރިވުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

ރޯދައަށް ހުންނައިރު މުސްލިމުންގެ ސުލޫކީ އަދި އަޚްލާޤީ މިންގަނޑުގައި ދެމިހުންނަން ޖެހޭކަމަށާއި ތެދުބަހުން ވާހަކަދެއްކުމަށާއި އޮޅުވާލާ ދޮގުހެދުމާއި ރުޅިގަދަވެ، ހަޅޭއްލަވާ ޒުވާބުކޮށްހެދުމަކީ ރޯދައިން ލިބޭ ދަރުމަ އުނިވާނެކަމެއްކަމަށް ދަލީލުދައްކަވަމުން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރޯދައަށް ހުންނައިރު ހަށިގަނޑާއި ދޫ ރައްކާތެރިކުރުމުގެ މައްޗަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ބައްލަވާލައްވާފައެވެ.