އިންސާނުންގެ ތެރެއިން ބަޔަކަށް ތަނަވަސްކަމާއި މުއްސަދިކަން ލިބިއްޖެނަމަ އެމީހުންގެ ޚަރަދުތައް އިތުރުވެ ހޭދަކުރުން ގިނަވެދާނޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އިސްރާފު ކުރުމުގެ ނުބައިކަމާ ބެހޭގޮތުން މިއަދު ދެއްވި ޚުތުބާގައި ވިދާޅުވެފައިވަނީ ބަޔަކަށް ތަނަވަސް ކަމެއް ލިބުމުން ޚަރަދު ބޮޑުވުމުގެ އިތުން މުދާތައް ބޭކާރުގޮތުގައި ނަގައިލަން ފަށައިފާނޭ ކަމަށެވެ. މިކަމާ ގުޅިގެން މާތްﷲ ގެ ވަހީ ބަސްފުޅުގެ މާނާގައިވާ ކަމަށް ޚުތުބާގައި ވިދާޅުވީ "ﷲ އެކަލާނގެ އެންމެހައި އަޅުންނަށް ރިޒުގު ތަނަވަސް ކޮށްދެއްވައިފި ނަމަ ބިމުގައި އެއުރެން ބޮޑާވެ އަނިޔާވެރިވެގެންފީހެވެ." މިހެންވެ ހުރިހާ ކަމެއްގައި އިގްތިސާދު ކުރުމަށާއި އިސްރާފު ނުކުރުމަށް ﷲ ވަނީ އަމުރު ކުރައްވާފައި ކަމަށް ޚުތުބާގައި ވިދާޅުވެފައެވެ.

އދ. ގެ ކާބޯތަކެއްޗާ ބެހޭ ދިރާއަކުން ދައްކާ ގޮތުގައި އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުކާލާ ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ. އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތެރެއިން ތިންބައިކުޅަ ދެބައި ކަމަށް ވެސް ދިރާގައި ބުނެފައިވާ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެތަކެތި ފައިސާއިން އަގުމަގު ކޮށްފިނަމަ އެއީ 750 ބިލިއަން ޑޮލަރު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިފަދަ ބޮޑު އިސްރާފެއް އަހަރަކު ކުރަމުންދާއިރު ދުނިޔޭގައި 870 މީހުން ބަނޑަށް ޖެހިފައިވާ ކަމަށް ވެސް ޚުތުބާއި ވިދާޅުވިއެވެ. އެހެން ކަމުން އެމީހުންގެ ޙާލާ މެދު ވެސް ވިސްނައި އިސްރާފު ކުރުމުގެ ބަދަލުގައި އެބައި އެމީހުންނަށްޓަކައި ހޭދަ ކުރުމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ.

އިސްރާފުކުރާ މީހުންދެކެ މާތް ﷲ ލޯބިވެ ވޮޑިގެން ނުވާ ކަމަށް އެކަލާނގެ ވަހީކުރައްވާފައިވާ ކަމަށާއި އިސްރާފުކުރުމަކީ ކޮންމެ ކަމެއްގައިވެސް ހައްދު ފަހަނައަޅައި ދިއުންކަމަށް ވެސް ވިދާޅުވިއެވެ. އިސްރާފު ކުރެވޭނީ ހަމައެކަނި ކާބޯތަކެތީން ނޫންކަމަށާއި ކަރަންޓާއި ފެނުންވެސް އިސްރާފު ކުރެވޭ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވާ ހިސާބަށް ދިއުމަކީ ވެސް އިސްރާފު ކަމަށް ވިދާޅުވިއެވެ. ބޭނުންކުރާ ފޭރާމާއި ސަވާރީއާއި ފަރުނީޗަރު ފަދަ ތަކެތި، ބޭނުންނުވާ ވަރަށްވުރެ އިތުރަށް ގަތުމަކީ ވެސް އިސްފާރުކުރުން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ކާބޯތަކެތި އިންތިހާއަށް އިސްރާފުކުރާ މަހެއް ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ. އެގޮތުން ރޯދަ ވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރުމަކީ އިސްލާމީ ދުނިޔޭގައި އާންމުވެފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެފަަދަ ތަނަވަސްކަމެއް ނެތް މީހުން ވެސް ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އެކަން ކުރަމުންދާ ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އެގޮތަށް ތައްޔާރުކުރާ ކާބޯތަކެތި ސޯޝަލް މީޑިއާ މެދުވެރިކޮށް އެއް ބަޔަކު އަނެއްބަޔަކު ވާދަކުރާތަން ވެސް ފެންނަ ކަމަށް ވިދާޅުވިއެވެ. ތައްޔާރު ކުރާ ގިނަތަކެތި ބޭނުންނުކުރެވި ޖެހެނީ އުކާލަން ކަމަށް ވެސް ވިދާުވިއެވެ. ކީރިތި ރަސޫލާ ރޯދަ ވީއްލަވަނީ ކަދުރާއި ފެނުން ކަމަށާއި އެއީ ހަށިގަނޑަށް ފައިދާ ހުރި ދެ ބާވަތެއް ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. އިންސާނާ ކައިބޮއި އުޅެނީ ދިރިހުރުމަށްޓަކައި ކަމަވެސް ޚުތުބާގައި ވިދާޅުވިއެވެ. އެހެންކަމުން ކައިބޮއި ހަދަންވާނީ އިންސާނާއަށް ބޭނުންވާވަރަށް ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ. އިންސާނާ ދިރިއުޅެނީ ކެއުން ބުއިމަށް ކަމަށް މުސްލިމުން ވެގެންނުވާނޭ ކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ.