ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ދަތުރުފުޅުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

މީގެ މަހެއްހައި ދުވަސްކުރިން މިދިޔަ ފެބްރުއަރީމަހުވެސް ރައީސްގެ ދެކަނބަލުންވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެފަހަރު ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ތައިރޮއިޑް ފަރުވާއަކަށެވެ. މި ފަރުވާއަށްތަކައި ހޮސްޕިޓަލުގައި އެޑްމިޓްވެވަޑައިގަންނަވަން ޖެހި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީގޮތުން ޢުޛުރުވެރިވެޑައިގެންފައެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން މިދިޔަ ފެންރުއަރީމަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާ ހަވާލު ކުރެއްވިއެވެ.

އެއީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިންނެވެ.

އެހެންނަމަވެސް ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ހަމައެދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނުވަނީ އަލުން ހަވާލުވެވަޑައިގެންފައެވެ.