ސްޓެލްކޯގެ ޚަރަދުގައި ޙައްޖަށާއި ޢުމްރާއަށް ދިއުމުގެ ފުރުސަތު އެކުންފުނީގެ 4 މުވައްޒަފަކަށް ދީފިއެވެ. އެގޮތުން ޙައްޖުގެ މަތިވެރި އަދާކުރުމަށް ފުރުސަތު ދީފައިވަނީ ދެމީހަކަށެވެ. ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވެސް ދީފައިވަނީ ދެމީހަކަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތަށް އެދި ކުރިމަތިލެވެނީ ކުންފުނީގައި މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. ޢުމްރާގެ އަޅުކަމުގެ ފުރުސަތަށް ކުރިމަތިލެވެނީ 5 އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ.

މިފަހަރު ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު އެކުންފުނީން ދީފައިވަނީ ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުޙައްމަދު އަބޫބަކުރާއި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަޙުމަދަށެވެ. ޢުމްރާގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވިލިނގިލީ އިންޖީނުގޭގެ ޢަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ޙުސައިނަށެވެ.

ޢުމްރާގެ ފުރުސަތު ލިބުނު ސަމީރާ ޙުސައިން ވިދާޅުވީ، ކޮންމެ އަހަރަކުވެސް ކުރިމަތިލައިގެން މިފަހަރު އެ ފުރުސަތު ލިބުނީތީ ވަރަށް އުފާވާކަމަށާއި، އެ ފުރުސަތު ލިބުނީތީ ހެއްދެވި ފަރާތަށާއި، މެނޭޖްމަންޓަށް ޝުކުރު ދަންނަވާ ކަމަށެވެ. ޙައްޖުގެ ފުރުސަތު ލިބުނު މުޙައްމަދު އަބޫބަކުރު ވިދާޅުވީ، ލިބިގެންމިދިޔައީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.

"ވަރަށް ހަމްދު ކުރަން އިންގޭތޯ. މި ލިބިގެން ދިޔައީ ވަރަށް ބޮޑު ނިއުމަތެއް. އަޅުގަނޑު އެދެނީ އަބަދުވެސް މުވައްޒަފުންނަށް ފައިދާހުރި މިފަދަ ގިނަ ފުރުސަތުތައް ހުޅުވާލައި، މިފަދަ ކަންކަން މެނޭޖްމަންޓުގެ ފަރާތުން ކުރަމުން ގެންދިއުން. ޚާއްސަކޮށް، މި ފުރުސަތު ލިބުން މެދުކެނޑިފައިވަނިކޮށް، މެނޭޖިންގ ޑިރެކްޓަރު ޝަރީފް އަލުން މިފުރުސަތު ހުޅުވައިދެއްވީތީ ވަރަށް ބޮޑު ޝުކުރެއް ދަންނަވަން ބޭނުން،" މުޙައްމަދު އަބޫބަކުރު ވިދާޅުއެވެ.

މި ބޭފުޅުންނަށް މި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގައި ރޭ ބޭއްވި ތަރާވީހެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއާއި ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމެވެ.

މި ފުރުސަތު ސްޓެލްކޯއިން އަލުން ހުޅުވާލީ ކޮވިޑްގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހުއެވެ. ރޭގެ ތަރާވީޙުގައި ވާހަކަ ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށެވެ. ހަމައެއާއެކު ކުންފުނިން ދެމުންގެންދިޔަ ޙައްޖު އަދި ޢުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނީ ކަމަށް ވެސް ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން ފުރުމުގެ ކަންކަން އޮތީ އެ މުވައްޒަފުންނަށް ދޫކޮށްލައިފައެވެ. "ފުރުން އޮތީ ފުރުސަތު ލިބުނު ބޭފުޅުންނަށް ދޫކޮށްލާފައި. އެބޭފުޅުން ބޭނުން އިރަކު ފުރާގޮތަށް،" ސްޓެލްކޯއިން ވިދާޅުވިއެވެ.