ޒީނާގެ އެ ލޯބި މެސެޖު ޝާފީއަށް ކިޔާލެވުނީ އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. ޒީންއެވެ! ކަލާއަށް ވުރެ މާކުރިން މި ހިތުގައި ތިޔަ ލޯބީގެ ވިންދު ޖަހަން ފަށައިފިއެވެ. ހުއްޓުމެއް ނެތިއެވެ. އެހެންނަމަވެސް ކަލާގެ އިޝާރާތަކަށް މަޑު ކުރެވުނީއެވެ. ކަލާއާ ބައްދަލުވުމަކީ އަހަރެންގެ ނަޞީބެވެ. ތިޔަފަދަ ބައިވެރިޔަކަށް އިންތިޒާރު ކުރާތާ އެތަކެއް ދުވަސްތަކެއް މާޒީވެ ހިނގައްޖެއެވެ.
އެ މެސެޖުގެ ޖަވާބު ލިޔުމުން ދޭކަށް ޝާފީ ޤަޞްދެއް ނުކުރިއެވެ. އޭނާ ޤަޞްދުކުރީ ޒީންއަށް ސަޕްރައިޒެއް ދޭށެވެ. އެކަނިވެރި ހިމޭން މާޙައުލަކަށް ޒީން ގޮވައިގެން ދިއުމަށެވެ. ގަޑި ޖެހުމުގެ 10 ވަރަކަށް މިނިޓުގެ ކުރިން ޝާފީ އޭނާގެ ސައިކަލުގައި އައިސް ޒީންގެ އެ ގަނޑުވަރެއްފަދަ ގޭގޭ ދޮރާށި ދޮށުގައި މަޑުކޮށްލިއެވެ. ކުޑައިރުކޮޅަކަށްފަހު ލަދުރަކި ފިޔަވަޅުތަކެއްގައި އައިސް ޒީން ޝާފީގެ ކުރިމައްޗަށް ހުއްޓުނެވެ. ޝާފި އަތުގެ އިޝާރާތުން ފަހަތު ޝީޓަށް އެރުމަށް ދަޢުވަތު ދިނެވެ. ޒީން އެއްވެސް ފަސް ޖެހުމެއްނެތި ޝާފީގެ ސައިކަލުގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ. ޒީންގެ ގައިން ދުވި މީރުވަހުން މުޅި ތަނުގައި ވެސް ހުވަނދެއް ފެތުރު ކަހަލައެވެ. ޝާފީގެ ނޯށަށް ވެސް އެ މީރުވަސް ނުކެނޑި ހުއްޓެވެ.
މާލޭގެ މަޖީދީމަގު ފަހަތަށް ޖައްސަމުން ހަނި ގޯޅިތައް ހުރަސް ކުރަމުން ޝާފީގެ ސައިކަލު ގޮސް މަޑުކޮށްލީ ރަސްފަންނުގެ ހިތްގައިމު މާޙައުލަށެވެ. ހަނދުވަރުގެ އަލިން މުޅި ބީޗު އުޖާލާ ކޮށްލާފައިވާއިރު އެކި ދިމަދިމާގައި ލޯބިވެރިންގެ ޖޯޑުތައް ތުންގުޅުވާލައިގެން މި ރީތި ހަނދުވަރުގެ އުފާ ލިބިގަންނަމުންދިޔައެވެ.
ޝާފީއާއި ޒީން މަޑުކޮށްލީ އެހެން ޖޯޑުތަކާ މުޅިން އެކަހެރި ހިސާބެއްގައެވެ. ސާދަ ވިލޭރޭގެ ހަނދު މުޅިތަނަށް އުޖާލާކަން ގެނެސްފައިވާއިރު ޝާފީއާއި ޒީން ހުއްޓިލައިގެން ތިބީ ބޮޑު ގަހެއްގެ ދޮށުގައެވެ. ގަސް ފޫއަޅުވާލާފައި ހަނދުވަރުގެ ރިހި އަލި ބިންމައްޗަށް އެޅިފައިވާއިރު ހީވަނީ ކޮކާ ހަނދުވަރެއް ގަސްދޮށަށް ވެރިވެފައިވާ ހެންނެވެ. ބީހޭ ރާޅުގެ އަޑާއެކު އެދިމާ ތޮށީ ބޭރުން ކޮޅުކޮޅަށް ދަތުރުކުރަމުންދާ ލޯންޗްތައް ލޮނުގަނޑު ކަފާދާ މަންޒަރުން މުޅި މާޙައުލަށް ވަނީ އުފާވެރި ކަމެއް ގެނުވާފައެވެ. އުޑުގައި ތަރިތައް ފެންނަން ނެތަސް ހަނދާއި ހަނދުވަރުގެ އަލިން އެ ހުރިހާ ކަމެއް ވަނީ ފުރިހަމަކޮށްދީފައެވެ.
ހިމޭން ވަގުތުކޮޅަކަށްފަހު ޒީނާ އަތްތިލައިގައި ބޮނޑިކޮށްލަމުން ޝާފީ ބުންޏެވެ.
"ޒީންގެ މެސެޖު ލިބުމުން ބުނަން ނޭނގޭހާ އުފާވި. ޒީންއަށް ވުރެ މާކުރިން އަހަރެންގެ ހިތް ޒީންއަށް ދެވިއްޖެ. އަހަރެންގެ ހުރިހާ އުފަލެއް ޒީންއާއެކު ލިޔެވިއްޖެ."
"ޝާފީ ފެނުމުން އަހަރެންނަށް ވެސް ލޯބި ވެވިއްޖެ. އެކަމަކު ޝާފީ ހުރި ގޮތެއް ނޭނގޭތީ ފަސް ޖެހެވުނީ..." ޒީން އޭނާގެ ހިތް އޮތްގޮތް ޝާފީއަށް ބުނެދިނެއެވެ.
"އެކަމަކު ޒީންގެ މައިންފައިން އަހަރެންނާ ގުޅެން ރުހޭނެބާވައޭ ހިތަށް އަރާ." ޝާފީގެ ވާހަކަ ނުނިމެނީސް ޒީނާ އޭނާގެ އަތް ޝާފީގެ އަނގަމަތީގައި ބޭއްވިއެވެ.
"ތިހެން ނުބުނޭ. އަހަރެންގެ އެއްވެސް އުފަލަކަށް ބައްޕައާއި މަންމަ ހުރަސް އަޅާނެހެން ހީނުވޭ. މިހާރު ވެސް ބައްޕައާއި މަންމަ އެދިލައްވާފައިވަނީ ޝާފީއާ ބައްދަލު ކުރުމަށް."
"އެއީ ކީއްކުރަން.؟" ޝާފީއަށް ބުނެލެވުނީ ވިސްނާ ނުލައެވެ.
"އެއީ އެމީހުންގެ ދަރިފުޅު ގުންޑާތަކެއްގެ ކިބައިން ސަލާމަތް ކޮށްދިނީތީ ޝުކުރު ދަންނަވަން."
"އެއަށްވުރެ ބޮޑަށް މިހާރު އަހަރެން ވެސް ތި ގެއަށް ދިއުމުގެ ބޭނުމެއް އެބަ އޮތޭނު." ޝާފީ ސަމާސާކޮށްލިއެވެ.
"އެއީ އަނެއްކާ ކޮން ބޭނުމެއް؟" ޒީނާ ޝާފީއަށް ބަލައިލަމުން ބުންޏެވެ.
"އެއީ އެދެމަފިރިންގެ ރޯޒް ގާޑްންގައި އިން އެންމެ ފިނިފެންމަލެއް އަހަރެންނަށް ބިނދެލެވިދާނެތޯ އަހާލަން." ޝާފީގެ ލާނެތްކަމުން ޒީނާ ހެމުން ގެންދިޔައެވެ.
"ބުނެބަލަ. ކޮން ދުވަހަކުން އަހަރެންގެ ގެއަށް ދާނީ.؟"
"ތި ގެއަށް ދާން އަހަރެން ބިރުގަނޭ. ހިތަށް އަރަނީ އަނެއްކާ ކިހިނެއްބާވައޭ ވާނީ؟. ޒީންގެ ބައްޕައާއި މަންމައަށް މިކަން އެނގިއްޖެއްޔާ އަހަރެން ލަދުގަންނުވާނުލާނެބާވައޭ."
"ފިނޑިޔާ! ހިތް ބިރު ގަންނަނީތަ؟ ފިނިފެންމަލެއް ނުބިދެވޭނެ އަތުގައި ކަށި ނުހެރިއެއް."
" ތި މާ ބިނުމަށްޓަކާ ކިތަންމެ ކަށި ގިނަ ގަހަކަށް ވެސް އަތް ދިއްކޮށްފާނަން. މިއަތުން ލޭ އޮހޮރުނަސް....." ޝާފީގެ ފިރިހެންކަން ޒީނާގެ ކުރިމަތީގައި ދައްކާލިއެވެ.
ޒީނާ މަޑުމަޑުން ހެމުން ގެންދިޔައެވެ. އަދި ޝާފީ އެދައްކާ ވާހަކައަށް ސަމާލުކަން ދެމުން އޭނާއާ ކައިރިއަށް ޖެހެމުންދިޔައެވެ. މަޑުމަޑުން ޝާފީގެ ތަނަވަސް މޭގައި އޭނާ ބޯ އަޅާލިއެވެ. ޝާފީ މަޑުމަޑުން ޒީނާގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ޒީނާއަށް މަޑުމަޑުން ލޯ މަރާލެވުނެވެ. ބުނަން ނޭނގޭ އިޙުސާސްތަކެއް އޭނާގެ ލޭ ނާރުގައި ކުޅެމުންދިޔައެވެ.
"ބުނެބަލަ ކޮން ދުވަހަކުން ގެއަށް ދާނީ.؟"
"ހާދަ ހިތް އަވަސްވެފަ ދޯ ތި ހުރީ މިހާރު." ޝާފީ ބުނި އެއްޗަކަކުން ޒީނާގެ މޫނަށް ލަދުވެތިކަން ވެރިވިއެވެ.
"ދެވިދާނެ ވަރަށް އަވަހަށް ވެސް... އެކަމަކު އޭގެ ކުރިން މި އިނގިލީގައި ފާހަގައެއް ލާން އަހަރެން ބޭނުންވޭ." ޒީނާގެ ހިމަ ދިގު އިނގިލިތަކާ ކުޅެލަމުން ޝާފީ ޒީނާގެ އަތްތިލަ އޭނާގެ އަތުތެރެއަށްލިއެވެ.
ޒީނާ އިނީ އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ އުފާވެރި ހިނދުކޮޅުގެ އިންތިޒާރުގައެވެ. މަޑުމަޑުން ވައި އަޑަކުން ޝާފީ ބުންޏެވެ.
"ޒީން! ލޯ މަރާލަބަލަ. އަހަރެން ބުނީމަ ލޯ ހުޅުވާނީ.." ޒީނާ ވަގުތުން ލޯ މަރާލިއެވެ. އޭނާގެ އަތްތިލަ ޝާފީއަށް ހިބައިން ދީގެން އިން ކަހަލަ ގޮތަކަށް އިނދެވުނީ ޝާފީގެ އުނގުތެރޭގައެވެ.
ޝާފީ އޭނާގެ ޖީބުގައި އޮތް ކުޑަކުޑަ ފޮށި ނަގާ ހުޅުވާލިއެވެ. އަދި އޭގައި އޮތް ޒަވިޔަނި ޖަހާފައިވާ އެންގޭޖްމެންޓްގެ ޚާއްޞަ އަނގޮޓި ޒީނާގެ ކަށި އިނގިލި ތެރެއަށް ކޮށްޕާ ދަމާލިއެވެ. ޒީނާ އުފަލުންގޮސް ހިތް ބަންޑުންވަނީއެވެ. ދުލުން ފާޅުކުރަން ބޭނުންވާ ޝުކުރުވެރި ބަސްތައް ހިތާހިތުން ވެސް ފާޅުވަމުން ދިޔައެވެ.
"ދެން ލޯ ހުޅުވާލާ. " ޒީނާއަށް ބަލައިލެވުނީ އެ ރީތި އަނގޮޅިއަށެވެ. ހަނދުވަރުގެ ރިހި އަލީގެ ތެރޭގައި އަނގޮޅި ވިދަން ފެށިއެވެ.
"ޝާފީ! ތި ކުރެވުނީ އެނގޭޖްމެންޓެއް. ތި ޖެހީ ލޯބީގެ ރަމްޒެއް. ތިއަށް އިޙުތިރާމު ކުރަންވާނެ." ޝާފީއަށް އުފަލުންގޮސް ޒީނާ ބުނަމުންދިޔަ ލަފުޒުތައް އަޑުއަހަން އިނދެވުނީ ގަޔާލާ ބޮނޑިކޮށްލައިގެންނެވެ.
"އާނ! ތީ އަހަރެންގެ ލޯބީގެ ރަމްޒެއް. ތީގެ އަގު ޒީން ހިފަހައްޓާނެ ކަމަށް އުއްމީދުކުރަން. ބުނެބަލަ ކޮން ދުވަހަކުން ތި ގެއަށް ދާންވީ.؟"
"ބުނާނަން. އާނ! އެނގިއްޖެ. ވަރަށް އަވަހަށް އަހަރެންގެ އުފަން ދުވަސް އެބަ އާދޭ. ބާތްޑޭ ޕާޓީއަށް ޝާފީ އަންނަންވާނެ. އެ ޕާޓީގެ ތެރެއިން ބައްޕަމެންނާ ބައްދަލުކުރާނީ... ޝާފީއަށް މިހާރު ވެސް ތި ހުރީ ދަޢުވަތު ދެވިފާ."
" އިންޝާﷲ. ދާނަން. ތި ގެއަށް ދާހިތުން މިހާރު މިހުރީ ހިތް އަވަސްވެފަ." ޒީނާއަށް ބަލާލަމުން އޭނާގެ ކަންފަތް ދޮށުގައި ވައި އަޑުން ޝާފީ ބުންޏެވެ.
"އިންތިޒާރު ކުރާނަން. ތި ބައްދަލުވުމަކީ އާދައިގެ ބައްދަލުވުމަކަށް ނުވާނެ. އަހަރެމެންގެ ޙަޔާތުގެ ވަރަށް ބޮޑު ނިންމުމެއް ތި ބައްދަލުވުމަށްފަހު ނިމިގެންދާނެ. ބައްޕައާއި މަންމަގެ ރުހުން އޮތް ގޮތާއި ނިންމުން ވެސް އެނގިގެންދާނެ. ޒީނާގެ އުއްމީދުތައް ޝާފީއަށް ބުނެދިނީ ފުން ނޭވާތަކެއް ދޫކުރަމުންނެވެ. އެ ނޭވާގެ އަޑު ޝާފީއަށް އިޙުސާސް ކުރެވުނެވެ.
"މިހާރު މާ ލަސްވެއްޖެދޯ! ފިހާރަ ހިސާބު ނިންމާ ގަޑި ވެސް ޖެހެނީނު."
"އެކަން އޮންނާނީ ވަކި ގޮތަކަށް ހަމަޖައްސާފަ. އެކަމާ ނުވިސްނާ!" ޒީނާ އޭނާގެ ޕްލޭން ނިންމާފައި އޮތް ގޮތް ޝާފީއަށް ބުނެދިނެވެ. އޭނާ އެއްގޮތަކަށް ވެސް މިރޭ ދާކަށް ބޭނުމެއްނޫނެވެ. ބޭނުމީ ޝާފީއާއެކު މިރޭ މިތާ އިންނާށެވެ. ނަމަވެސް ރޭ ދެބައިވުމުން ވަގުތު އެކަމަށް ހުރަހަކަށްވީއެވެ.
އެ ރޭގެ ބައްދަލުވުމަށްފަހު އެ ތާރީޚީ ގޮނޑުދޮށުން ދެ މީހުން ވަކިވެގެން ޒީނާގެ ގޭދޮށަށް އައިސް މަޑުކޮށްލީ ރޭ ދެބައިވާން ކައިރިވެފާ ހުއްޓެވެ. އެއްވެސް ބަޔަކު އެ މީހުންގެ ޙަރަކާތްތަކަށް ބަލަން ފާރައަށް ހޭލާ ތިބި ކަމެއް އެ މީހުން ނުދެނެހުއްޓެވެ. ޝާފީގެ ސައިކަލުގެ ފަހަތުގައި އޭނާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ޒީނާއަށް އިނދެވުނީ ހަށިގަނޑުގެ ހުރިހާ ބާރެއް ޝާފީގެ ބުރަކައްޓަށް ދޫކޮށްލައިގެން ކަހަލަ ގޮތަކަށެވެ. ސައިކަލުން ފައިބާ ޒީނާ ދޮރާށި ހުޅުވާ އެތެރެއަށް ވަނުމުން ޝާފީ ވެސް ހުޅުމާލެ ދިއުމަށް ހެލްމެޓް އަޅާ ނައްޓާލިއެވެ.
(ނުނިމޭ)