ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒްތައް އަންނަ ޑިސެމްބަރުމަހުގެ މެދުތެރޭގައި ދޭން ފެށޭވަރު ވާނެކަމަށް އުންމީދުކުރާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

ވީހާވެސް އަވަސް މަގަމުން އެމެރިކާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް މަރުކަޒީ ސަރުކާރުން ގާއިމްކޮށްފައިވާ ވެކްސިން ޕްރޮގްރާމްގެ ވެރިޔާ ޑރ. މުންސިފް ސްލާއީ ވިދާޅުވީ، ޕްލޭނަކީ، ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވެކްސިން ބޭނުން ކުރުމުގެ ހުއްދަދޭތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންދޭ މަރުކަޒުތަކަށް ވެކްސިން ފޮނުވުން ކަމަށެވެ.

އެހެންކަމުން، އެފްޑީއޭއިން ވެކްސިން ބޭނުން ކުރުމުގެ ހުއްދަދޭތާ ދެވަނައަށްވާ ދުވަހު، ޑިސެމްބަރު 11 ނުވަތަ 12 ގައި ވެކްސިން ދޭން ފެށޭވަރު ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ޑރ. މުންސިފް ވިދާޅުވިއެވެ.

އެމެރިކާގެ މައި ސަރުކާރުގެ ވެކްސިން ޕްރޮގްރާމްގެ ވެރިޔާ މި މޭރުމުން ވާހަކަ މިދެއްކެވީ، އެމެރިކާގެ ފައިޒަރ ކުންފުންޏާއި ބަޔޯއެންޓެކް ގުޅިގެން ތަރައްގީކުރި ކޮވިޑް ވެކްސިން އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އެދި އެ ކުންފުނިތަކުން ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅިތާ ދެވަނައަށް ވީ ދުވަހުއެވެ.

ފައިޒަރ ކުންފުންޏާއި ބަޔޯއެންޓެކުން ބުނެފައިވަނީ، އެދެ ކުންފުނި ގުޅިގެން ތަރައްގީކުރި ވެކްސިންގެ ކްލިނިކަލް ޓްރައިލްސް 95 އިންސައްތަ ކާމިޔާބު ކަމަށެވެ.

ފައިޒަރގެ އިތުރުން، އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ މޮޑަނާއިން ތަރައްގީކުރި ކޮވިޑް ވެކްސިންވެސް 95 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މިއީ، އިމަޖެންސީ ހާލަތުގައި ވެކްސިން ބޭނުން ކުރެވިދާނެ ކަމަށް ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާފައި އޮންނަ މިންގަނޑަށް ވުރެންވެސް މަތީ ނިސްބަތެކެވެ.

ހަބަރުތައް ބުނާގޮތުގައި، އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ވެކްސިންއާބެހޭ މުޝީރުން ޑިސެމްބަރު 8-10 އަށް ބައްދަލު ކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

އަދި ފައިޒަރއާއި މޮޑަނާއިން ތަރައްގީކުރި ވެކްސިންތައް އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ނިންމާނެއެވެ.

ޑިސެމްބަރުމަހު ވެކްސިން ދޭން ފެށޭނެ ކަމުގެ އުންމީދު އެމެރިކާގެ އޮފިޝަލުން ފާޅުކުރައްވަމުން ގެންދަވާއިރު، އެމެރިކާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު އާދީއްތަދުވަހުވަނީ 12 މިލިއަނަށް އަރައިގެން ގޮސްފައެވެ.