ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، ކުއްލިގޮތަކަށް އައު މިނިސްޓްރީއެއް އުފައްދަވައި، އެގައުމުގެ ފުލުހުންގެ ޚިދުމަތް އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފިއެވެ.
ސްރީލަންކާ ފުލުހުންގެ ޚިދުމަތް ކުރިން އޮތީ ސަރުކާރުގެ ޖޫނިއަރ މިނިސްޓްރީއެއްގެ ދަށުގައެވެ.
އެހެން ނަމަވެސް، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިދިޔަ ހުކުރުދުވަހު ގެޒެޓްކުރެއްވި އާދަޔާޚިލާފް ނޯޓިސްއަކުން މުޅިން އަލަށް ވަނީ 2 މިނިސްޓްރީއެއް އުފައްދަވާފައެވެ.
އެ ދެ މިނިސްޓްރީއަކީ ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީއާއި، ޓެކްނޯލޮޖީ މިނިސްޓްރީއެވެ.
ފުލުހުންގެ ޚިދުމަތް ބަދަލުކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީގެ ދަށަށެވެ. އެ މިނިސްޓްރީގެ ދަށަށް 4 ޚިދުމަތެއް ބަދަލުކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޮލިސް ޑިޕާޓްމަންޓް، ސިވިލް ސެކިއުރިޓީ ޑިޕާޓްމަންޓް، ޕޮލިސް ޓްރެއިނިންގ ކޮލެޖް އަދި މަލްޓި-ޕާރޕަސް ޑިވެލޮޕްމަންޓް ޓާސްކްފޯހެވެ.
ސްރީލަންކާގެ ރައީސް ގޮޓަބާޔަ، އައު މިނިސްޓްރީއެއް އުފައްދަވައި، އެ މިނިސްޓްރީގެ ދަށަށް ފުލުހުންގެ ޚިދުމަތް މި ބަދަލުކުރެއްވީ، މިހާރު ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ސަރަތު ވީރަސޭކަރާ، ކެބިނެޓް މަގާމަކަށް ގެންނެވުމަށް ރައީސް އުޅުއްވާކަމުގެ ރިޕޯޓްތަކެއް މީޑިއާގައި ފެތުރެމުން ދަނިކޮށެވެ.
މިވަގުތު ސްޓޭޓް މިނިސްޓަރ ފޮރ ޕްރޮވިންޝަލް ކައުންސިލްސް އެންޑް ލޯކަލް ގަވަރްމަންޓްގެ މަގާމުގައި ހުންނެވި ސަރަތު ވީރަސޭކަރާއަކީ ސްރީލަންކާ ކަނޑުގެ ސިފައިންގެ ކުރީގެ އެޑްމިރަލްއެކެވެ.
މީގެއިތުރުން، ސްރީލަންކާގެ ރައީސް ގޮޓަބާޔަވަނީ، ފުލުހުންގެ އެންމެ އިސް އޮފިސަރުގެ މަގާމުގައި ހުންނެވި ޗަންދަނަ ވިކްރަމަރަތުނަ، އިސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސްގެ މަގާމަށްވެސް އައްޔަން ކުރައްވާފައެވެ.
މިދިޔަ އަހަރު ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ ވެރިޔަކަށް އޭރު ހުންނެވި ޕުޖިތު ޖަޔަސުންދަރާ މަގާމުން ސަސްޕެންޑް ކުރީއްސުރެ، އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ އުމުރުން 57 އަހަރުގެ ޗަންދަނަ ވިކްރަމަރަތުނައެވެ.
އަލަށް އުފެއްދެވި ޓެކްނޯލޮޖީ މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވަނީ، ސްރީލަންކާ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނާއި، ސްރީލަންކާ ޓެލެކޮމްއާއި، ޑިޕާޓްމަންޓް އޮފް ރަޖިސްޓްރާގެ މަސައްކަތްތަކެވެ.
ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އައު 2 މިނިސްޓްރީ އުފެއްދެވި ނަމަވެސް އެ މިނިސްޓްރީތަކަށް މިނިސްޓަރުން އަދި އައްޔަން ނުކުރައްވައެވެ.