އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތަކުން ނޫސްވެރިކަމަށް އަމާޒު ކުރުމަކީ އާންމު ކަމެއްކަމަށް މިނިވަންކަމާ ތަރައްގީއަށް މަސައްކަތް ކުރާ ފަލަސްތީނުގެ ޖަމުއިއްޔާއިން ބުނެއެވެ.

މިދިޔަ 2021ގެ ތެރޭގައި އިޒްރޭލުގެ ޒަޔަނިސްޓް ސިފައިން ވަނީ ނޫސްވެރިންނާ ދެކޮޅަށް 368 ހަމަލަ ދީފައެވެ. އޭގެ އިތުރުން ތިން ނޫސްވެރިން ކަމަށްވާ މުހައްމަދު ޝާހީނާއި އަބްދުލްހަމީދު އަލްކޫލަކްއާއި ޔޫސުފް މުހައްމަދު އަބޫ ހުސެއިން ޝަހީދުކޮށްފައި ވެއެވެ.

މިދިޔަ އަހަރު ޒަޔަނިސްޓް ސިފައިން ވަނީ ގައްޒާގައި ހިންގާ 33 ނޫސް އިދާރާއަކަށް ހަމަލަދީ އެތަންތަން ހަލާކުކޮށްލާފައެވެ.

މިއަހަރުގެ ކުރީކޮޅު ޒަޔަނިސްޓް ސިފައިން 100 ނޫސްވެރިއަކާ ދެކޮޅަށް ހަމަލަދިނެވެ. މި ހަމަލާތައް އެންމެ ގިނައިން ދީފައި ވަނީ އެޕްރީލް މަހުގައެވެ.

ފަލަސްތީނު މީހުން 2000ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް އުތުރިއަރަން ފެށިފަހުން ޒަޔަނިސްޓް ސިފައިން ވަނީ މިހާތަނަށް 55 ނޫސްވެރިއަކު ޝަހީދު ކޮށްލާފައެވެ.