ސްރީލަންކާގެ ބޮޑު ވަޒީރުކަމަށް ވަޑައިގަތުމަށް އެގައުމުގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ދެއްވި ދައުވަތު ރަނިލް ވިކްރަމަސިންހަ ގަބޫލުފުޅު ކުރައްވައިފިއެވެ. އުމުރުން 73 އަހަރުގެ ވިކްރަމަސިންހަ ވަނީ މިއަދު ރައީސް ބޯތާބަޔާގެ ކުރިފުޅު މަތީގައި މަގާމުގެ ހުވާ ކުރައްވާފައެވެ.

ސްރީލަންކާގެ އިގްތިސާދީ ސިޔާސީ ހަމަނުޖެހުމުގައި ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިވާ އިދާރާއަކީ ސްރީލަންކާގެ ބާރ އެސޯސިއޭޝަންއެވެ. ބާރ އެސޯސިއޭޝަނުން ވަނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ސްރީލަންކާގެ ރިއާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސަށް ދަންނަވާފައެވެ. އަދި ރައީސް ގޯތާބަޔަ ވަނީ އެ ހުށަހެޅުން ގަބޫލުފުޅު ކުރައްވާފައެވެ.

އެ ހުށަހެޅުމުގެ ފުރަތަމަ ފިޔަވަޅަކަށް ވާނީ، ގިނަ ޕާޓީތައް ހިމެނޭ އިންތިޤާލީ ޤައުމީ ސަރުކާރެއް އެކުލަވާލުމެވެ. ދެވަނަ ކަމަކީ، އިޤްތިޞާދީ މައްސަލަ ޙައްލު ކުރުމަށްޓަކައި، އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ. ތިންވަނަ ކަމެއްގެ ގޮތުގައި އޮންނާނީ، ރައީސްގެ ބާރުތައް ހަނިކޮށް، ގާނޫނުއަސާސީ އިސްލާހުކޮށް ޕާލަމެންޓް ހަރުދަނާ ކުރުމެވެ. އަދި އެންމެ ފަހު ފިޔަވަޅަކަށް ވާނީ އާ ޕާލަމެންޓެއް އިންތިޚާބު ކުރުމެވެ.

ވިކްރަމަސިންހަ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ނަމަވެސް، ވީ އެންމެ އަވަހަކަށް، ޕާލަމެންޓްގެ 225 މެމްބަރުންގެ ތެރެއިން 113 މެމްބަރުންގެ ތާއީދު ހޯއްދަވަން ޖެހެއެވެ.

މި ކަން ރަނިލްއަށް ފަސޭފުޅެއް ނުވާނެއެވެ. އެއީ ޕާލަމެންޓްގައި ޔޫއެންޕީން ހޮވިވަޑައިގެން ހުންނެވި ހަމައެކަނި މެމްބަރަކީ އޭނާ ކަމުގައިވާތީއެވެ. ނަމަވެސް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާއަށް ސަޕޯޓް ކުރައްވާ އެމްޕީންގެ ތާއީދު ލިބިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. އެއީ އެނާގެ ސަޕޯޓަރުން ކަމުގައިވާ އެސްޖޭޕީ ގެ މެމްބަރުންނަކީ ކުރީގެ ޔޫއެންޕީގެ މެމްބަރުންނެވެ.

ރައިސްގެ ޕާޓީ ކަމަށްވާ އެސްއެލްޕީޕީގެ ހާލަތެއް އަދި ސާފެއް ނުވެއެވެ. އެ ޕާޓީވެސް ވަނީ ދެ ބަޔަކަށް ބެހިފައެވެ. އެއީ ރައީސް ގޯތާބަޔާގެ ފެކްޝަނަކާއި މަހިންދަ ރާޖަޕަކްސަގެ ފެކްޝަނަކާ ދެމެދުގައެވެ.

ވިކްރަމަސިންހައަކީ ގާނޫނީ ވަކީލަކެވެ. އަދި އޭނާ ސަރުކާރުގައި އަދާ ކުރެއްވި ފުރަތަމަ ވަޒީފާއަކީ އޭނާގެ ބޮޑު ބޭބެ ޖޭއާރް ޖަޔަވަރްދަނަގެ ރައިސްކަމުގައި ޚާރިޖީ ވަޒީރުގެ ނާއިބްގެ މަގާމެވެ. އޭނާ ސިޔާސީ މައިދާނަށް ވަންނަވާފައި ވަނީ 1994ން ފެށިގެންނެވެ.

އެކި ފަހަރު މަތިން އޭނާ ވަނީ ބޮޑު ވަޒީރުކަން ކުރައްވާފައެވެ. އަދި ސްރީލަންކާގެ އަހުލީ ހަނގުރާމައިގައި ސުލްޙައަށް މަސައްކަތްތެއް ކުރައްވައި ލަންކާ ޑިވެލޮޕް ކުރެއްވުމަށް ބޮޑު އެއިޑް ޕެކޭޖެއްވެސް ހޯއްދެވިއެވެ. އޭނާގެ މަސައްކަތް ނާކާމިޔާބު ކުރެއްވީ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނާޔަކައެވެ.

ވިކްރަމަސިންހައަކީ އިންޑިއާއާ ގާތް ބޭފުޅެކެވެ. އަދި އޭނާއަކީ ބައިނަލްއަގްވާމީ މައިދާނަށް ފަރިތަ ބަސްމޮށުންތެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ފަރިތަ ބޭފުޅެކެވެ.