ޝީރީން އަބޫ ޢަޤްލާ ޝަހީދުކޮށްލި މައްސަލަ އިޒްރޭލާ ގުޅިގެން ތަހުގީގު ނުކުރާނެ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފިއެވެ. އަދި އޭނާ ޝަހީދުކޮށްލި ވަޒަން ދިނުމަށް އިޒްރޭލުން އެދުމުން އެކަމަށްވެސް ފަލަސްތީނު ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ.

މަހުމޫދު އައްބާސްގެ ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޕާލަމެންޓްގެ ބައެއް މެމްބަރުން ސިފަ ކުރިގޮތުގައި ޝީރީން ޝަހީދުކޮށްލުމުގެ އަމަލީ އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާއެކެވެ.

ޝީރީންގެ ގަބުރު ގުދުސްގައި ހުންނަ އޭނާގެ އާއިލީ ގެއަށް ގެންދިއުމުގެ މަގުމަތީގައި ޒަޔަނިސްޓު ސިފައިން ވަނީ ޖަނާޒާއާއެކު ދިޔަ މީހުންނަށް ހުރަސްއަލައި ދުއްތުރާ ކޮށްފައެވެ. އިޒްރޭލު ސިފައިން ވަނީ ޝަހީދުވިރިއު ޝީރީން އަޅައިގެން ހުރި ފަލަސްތީނުގެ ކޫފިޔާވެސް ޖަނާގާއި ތިބި މީހުންގެ އަތުން ފޭރިގެންފައެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި ޝީރީން ޝަހީދު ކޮށްލި އިރު އިޒްރޭލުން ވަނީ އޭނާއާއެކު އެއރު ހަރަކާތްތެރިވި އޭނާގެ ޕްރިޑިއުސަރު އަލީ އައްސަމޫދީގެ ބުރަކަށްޓަށްވެސް ބަޑިޖަހައި ޒަޚަމްކޮށްލާފައެވެ. އަލްޖަޒީރާއިން ސިފަކުރީ އަންގާރަ ދުވަހަކީ ނޫސްވެރިކަމަށް ބަނަ ދުވަހެއްކަމަށެވެ.

ޝީރީންގެ ޖަނާޒާ އޮންނާނީ ހިފާފައިވާ ގުދުސްގައި މާދަމާ ހުކުރު ދުވަހު ފަލަސްތީނުގެ ދައުލަތުގެ ރަސްމީ އިއްޒަތުގައެވެ.

ޝީރީންގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވަމުން ފަލަސްތީންގެ ރައީސް ޢައްބާސް ވަނީ ޝީރީންއަށް ފަލަސްތީންގެ އެންމެ މަތީ ޝަރަފްކަމަށްވާ "ޤުދުސްގެ ތަރި" ދެއްވާފައެވެ. އދި އޭނާ ޝަހިދު ކޮށްލި މީހުން ބައިނަލްއަގްވާމީ އަދާލަތަށް ގެންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ފްރާންސް ޕްރެސްއިން ރިޕޯޓް ކުރިގޮތުގައި އެ އެޖެންސީގެ ނުސްވެރިންވެސް ޝީރީން ޝަހީދުކޮށްލި ސަރަހައްދާ ކައިރީގައި ހަރަކާތްތެރިވިއެވެ. އަދި އެމީހުން ބުނެފައި ވަނީ އެހިސާބުގައި ފަލަސްތީނުގެ އެއްވެސް ހަނގުރާމަވެރިއަކު ހަރަކާތްތެރިވެފައި ނުވާ ކަމަށެވެ. އެހެން ނޫސްވެރިންގެ ބަޔަކުވެސް ވަނީ މިކަމަށް ބާރުދޭ ގޮތަށް ހެކިބަސް ދީފައެވެ.

މިއީ އިޒްރޭލުން ފަތުރާ ގޮދުތަކާ ފުށު އަރާ ވާހަކަތަކެކެވެ. ޒަޔަނިސްޓް ސަރުކާރުން ބުނެފައި ވަނީ ޝީރީން ޝަހީދުކޮށްފައި ވަނީ ފަލަސްތީންގެ ހަނގުރާމަވެރިން ކަމަށެވެ.

އިޒްރޭލުގެ ހާއާރޓްސް ނޫހުން ވަނީ ޝީރީން ޝަހިދު ކޮށްލި ސަރަހައްދުގައި އިޒްރެލު ސިފައިންގެ ޑޯވަޑޯވާން ޔުނިޓް އުޅުނު ކަމަށާއި އެމީހުން އުތުރަށް (ޝީރީން ހުރި ދިމާއަށް) އެވަގުތު ބަޑި ޖެހިކަމަށްވެސް ރިޕޯޓް ކޮށްފައެވެ. އަދި މިހަމަލާ ދީފައި ވަނީ އެމް16ގެ ބަޑިއަކުން ކަމަށްވެސް ބުނެއެވެ. ވޯލްސްޓްރީޓް ޖަރނަލްއިންވެސް ބުނެފައި ވަނީ މި ހަމަލަ ދީފައި ވަނީ އިޒްރެލު ސިފައިން ކަމަށް ބެލެވޭ ކަމަށެވެ.

އިޒްރޭލު ސިފައިންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ޝީރީން ހުރި ދިމާއަށް ތިން ފަހަރަށް ބަޑި ޖަހާފައިވާ ހާދިސާއެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ކަމާ ގުޅިގެން ޔަހޫދީ ސަރުކާރުން ވަނީ ހަތަރު ޔަހޫދީ ވާހަކައެއް ފަތުރާފައެވެ. އަދި މިއިން އެއްވެސް ވާހަކައެއް އަނެއް ވާހަކައަކާ ދިމަލެއް ނުވެއެވެ.