އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުމާ ބެހޭ މަޝްވަރާތަކަށް އިންޑިއާއިން ވަނީ މޮރޮކޯ، ޓިއުނީޝިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، ތައިލެންޑް، ވިއެޓްނާމް، ތުރުކީ، އަލްޖީރިއާ، އަދި ލުބުނާނަށް ވަފުދުތައް ފޮނުވުމަށް ރާވާފައެވެ.

ދުނިޔޭގެ ފެންވަރުގައި ގޮދަނަށް ޑިމާންޑް ބޮޑުވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން ވަނީ ހިނގަމުން މިދާ 2022/23 ވަނަ އަހަރު ރެކޯޑް އަދަދަކަށް ގޮދަން އެކްސްޕޯޓް ކުރުމަށް އަމާޒު ހިފާފައެވެ. އިންޑިއާއިން ބަލާފައި ވަނީ 10 މިލިއަން މެޓްރިކް ޓަނުގެ ގޮދަން އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.

މީގެ ކުރީ އަހަރު 22/2021ގައި އިންޑިއާއިން ވަނީ 2.05 ބިލިއަން ޑޮލަރުގެ ގޮދަން އެކސްޕޯޓް ކޮށްފައެވެ. އިންޑިއާއިން މިދޔަ އަހަރު އެކްސްޕޯޓް ކުރި ގޮދަނުގެ ދެބައިކުޅަ އެއްބައި އެކްސްޕޯޓް ކޮށްފައި ވަނީ ބަންގްލަދޭޝްއަށެވެ. އަދި މިސްރުން ވަނީ އިންޑިއާއިން 6.1 މެޓްރިކް ޓަނުގެ ގޮދަން އިމްޕޯޓް ކޮށްފައެވެ.

އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އޭޕީޑީއޭ)ގެ ބެލުމުގެ ދަށުން އިންޑިއާ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މަންދޫބުން ހިމަނައިގެން ގޮދަން އެކްސްޕޯޓް ކުރުމަށް ޓާސްފޯހެއް އުފައްދާފައި ވެއެވެ.

އިންޑިއާ ސަރުކާރުން ބުނަނީ ދުނިޔޭގެ ފެންވަރުގައި އިންޑިއާގެ ގޮދަނަށް އޮތް ޑިމާންޑް އިތުރުވެފައިވާތީ އިންޑިއާއަކީ ގޮދަން އެކްސްޕޯޓް ކުރުމުގައި އިތުބާރު ހިފޭ ގައުމެއްގެ ގޮތުގައި އިންޑިއާ ކުރިއަށް ނެރެ ދެއްކުމަށް ފެންވަރު ހިފެހެއްޓުމަށް ސަރުކާރުން ވަނީ ދަނޑުވެރިންނާއި ވިޔަފާރިވެރިންނާއި އެކްސްޕޯޓަރުންނަށް އިލްތިމާސްކޮށްފައެވެ.