ސްރީލަންކާގެ އައު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް ބައިނަލްއަގްވާމީ ފަރާތްތަކުން ތާއީދު ދެއްވާނެ ކަމުގެ ޔަގީންކަން ދީފިއެވެ. ވިކްރަމަސިންހައާ ބައްދަލު ކުރެއްވި އެމްބެސެޑަރުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނަރާއި ޖަޕާން އެމްބެސެޑަރު ހިމެނެއެވެ. އިންޑިއާގެ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭ ވަނީ އާ ސަރުކާރަށް އިންޑިއާގެ އެއްބާރުލުން އޮތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި އިލްތިމާސް ކުރެއްވީ، ކެތްތެރިވެ، މިހާރުގެ ދަތި ހާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށެވެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ ވިކްރަމަސިންހަގެ ކެބިނެޓްގައި ބައިވެރި ނުވާނެ ކަމަށެވެ. ނަމަވެސް ވިކްރަމަސިންހައަށް މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ލަންކާ ޕާލަމެންޓްގެ 225 މެމްބަރުންގެ ތެރޭން 113 މެމްބަރުންގެ ތާއީދު ހޯދަން ޖެހެއެވެ.

ވިކްރަމަސިންހަ ވިދާޅުވިގޮތުގައި އޭނާގެ ސަރުކާރުގެ ހަމައެކަނި އެޖެންޑާއަކީ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. އަދި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ. އޭނާ ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ހަމަޖެހުމުގެ ސިފައިގައި ޕާލަމެންޓްގެ ސަޕޯޓެވެ.

އެމެރިކާއާއި އެހެން ގައުމުތަކުންވެސް ވިކްރަމަސިންހަގެ ސަރުކާރަށް ތާއީދުކޮށް ނެރެފައިވާ ބަޔާނުން އެނގެނީ، ހުރިހައި ފަރާތަކުންވެސް ސިޔާސީ ހަމަޖެހުމަށް އުންމީދުކުރާކަށެވެ. އަދި އެފަރާތްތަކުގެ މާލީ އެހީތެރިކަން ބިނާވެފައި ވަނީ ސިޔާސީ ހަމަޖެހުމުގެ މައްޗަށް ކަމަށެވެ.

އެމެރިކާ އެމްބަސީން ނެރެފައިވާ ބަޔާނުގައި ވަނީ އައިއެމްއެފްއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން ލަންކާއަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ވިކްރަމަސިންހައަށް ތާއީދުކޮށް ބަޔާން ނެރެފައިވަނީ އިންޑިއާއާއި ޖަޕާނާއި ޗައިނާއާއި އެމެރިކާއިންނެވެ. މިއީ ލަންކާގެ މިހާރުގެ ހާލަތުގައި އެންމެ ގާތުން އެހީއަށް މަސައްކަތް ކުރާ ގައުމުތަކެވެ.