އެމެރިކާގެ ރައްޔިތެއްކަމަށްވާ ފަލަސްތީނުގެ ޝިރީން އަބޫ އަގްލާ ޝަހިދުކޮށްލި މައްސަލައާއި އޭނާގެ ޖަނާޒާއަށް ޒަޔަނިސްޓިން ދިން ހަމަލާތައް އެމެރިކާގެ ނިއުސް ނެޓްވޯކްތަކާއި ޚަބަރު ފަތުރާ ސައިޓްތަކުން ކުށްވެރިކޮށް އިޒްރޭލާ ދެކޮޅަށް ރުޅިވެރިކަން ފާޅު ކުރުމުގެ ބަސްމަގަކަށް ބަދަލުވެފައިވީ ނަމަވެސް އެމެރިކާގެ އެއްވެސް އޮފިޝަލަކު އޭނާ ޝަހީދުކޮށްލި މައްސަލަ ކުށްވެރިއެއް ނުކުރެއެވެ.
އެމެރިކާގެ ރައީސް ބައިޑެންއާއި އޭނާގެ ސަރުކާރުން ވަނީ އިޒްރޭލުގެ ރަސްމީ ފަރާތްތަކުން ފަތުރާފައިވާ ވާހަކަތަކަށް ބުރަދަނެއް ދީ އެވާހަކަތައް ކޮޕީކޮށް ނަގަލުކޮށްފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޔޫކްރޭނުގައި ނޫސްވެރިންނާއި ފިލްމު އުފައްދާ ފަރާތްތައް - ހަނގުރާމަވެރި ނޫން މީހުން - މަރާލައި ޒަޚަމްކޮށްލުމުން އަޅުގަނޑުމެންގެ ހިތްތަކަށް ބިރުވެރިކަން އިހުސާސް ކުރެވޭ" ކަމުގައެވެ.
"މި ބިރުވެރި އަނިޔާވެރިކަމުގެ އަސަރު ފޯރި ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންގެ ތައުޒިޔާ ދަންނަވަން." ކްރެމްލިންއަށް ފާޑު ވިދާޅުވަމުން އޭނާ ޓުއީޓް ކުރެއްވިއެވެ.
އެއާ ޚިލާފަށް ޕްރައިސްގެ ޓްވީޓް ގައި ބުނީ އެމެރިކާގެ ނޫސްވެރިޔާ ޝިރީން އަބޫ ޢަޤްލޭގެ މަރަށް ހިތާމަކޮށް އެކަންކުށްވެރި ކުރާ ކަމަށާއި އޭނާގެ މަރަކީ ހުރިހާ ތަނެއްގައި ހުރި މީޑިއާގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށެވެ.
ޔުކްރެއިންއާއި ފަލަސްތީންގައި އެމެރިކާގެ ރިއެކްޝަން ދެ މައްސަލައިގައި ސާފުކޮށް ތަފާތުވާކަން ފެނެއެވެ.
ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރައިސް ވިދާޅުވީ ފުރިހަމަ ތަހުގީގެއް ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ގާބިލްކަން އިސްރާއީލު ކިބައިގައި ހުންނާނެ ކަމަށެވެ. އަދި އެކަން އިޒްރޭލަށް ދޫކޮށްލާ ގޮތަކަށް އޭނާ ވާހަކަ ދެއްކެވިއެވެ.
ޝިރީން އަބޫ އަގްލާއަކީ އެމެރިކާގެ ރައްޔިތެއްކަމަށްވީ އިރުވެސް، އޭނާގެ މަރުގެ ހާދިސާގައި ތަހުގީގު ބައިވެރިވާން ބޭނުންވާ ކަމުގެ އިޝާރާތެއް އެމެރިކާއިން ނުދިނެވެ. ސަބަބަކީ މިފަދަ އިސްނެގުމަކުން އިސްރާއީލު ރުޅި އަތުވެދާނެތީ ކަމަށް ބެލެވެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ޕްސާކީ ވަނީ ތަހުގީގުތަކުގައި އެހީތެރިކަމަށް އެއްވެސް ފަރާތަކުން އެދިއްޖެނަމަ، އެމެރިކާއިން އެކަން ކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެމެރިކާގެ އެހީތެރިކަމަށް އެދިފައި ނުވާކަމަށް ބުންޏެވެ.
ޖަނާޒާގެ ތެރޭގައި އިސްރާއީލުގެ ލާއިންސާނީ ސުލޫކު ކުރުމުން ވެސް ޕްސާކީ ދުރުހެލިވި ކަން ފާހަގަ ކުރެވެއެވެ.
އެޕަތައިޑް ސިޔާސަތެއް ގެންގުޅޭ އިޒްރޭލަށް އެމެރިކާއިން ވާގިވެރިވާކަން ސާފު ކޮށް މިކަންކަމުން ފެއެވެ. އަދި ޔުކްރެއިންއާ ޚިލާފަށް ފަލަސްތީނު މީހުންނާ ދެކޮޅަށް ދެ މިންގަނޑެއް އެމެރިކާއިން ގެން ގުޅެ ޒަޔަނިސްޓުންނަށް ވާގިވެރިވާކަން ހާމަވެއެވެ.
އެމެރިކާގެ ފޮރިން މިނިސްޓަރު އެންތޮނީ ބްލިންކެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ އެމެރިކާގެ ރައްޔިތެއްކަމަށްވާ ޝީރީން އަބޫ އަގްލާގެ ޖަނާޒާއަށް އިސްރާއީލުގެ ފުލުހުން ހުރަސް އަޅާ މަންޒަރުތަކުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ކޮންމެ އާއިލާއަކަށް ވެސް ހުރަހެއް ނެތި ކަރާމާތާއި އެކު ލޯބިވާ މީހުންނާ އަލްވަދާއު ކިޔުން ހައްގު އޮންނަން ވާނެކަމަށެވެ.
އެމެރިކާގެ އެއްވެސް އިސް އޮފިޝަލަކު އިސްރާއީލު ކުށްވެރި ކޮށްފައެއް ނުވެއެވެ.
އެމެރިކާގެ މަސްއޫލުވެރިންނަކީ އިޒްރޭލުންނާއި ޔަހޫދީންގެ އަތުން އެކިފަންތީގައި އިންތިޚާބަށް ފައިސާ ނަގާފައިވާ ފަރާތްތައް ކަމުން އެފަރާތްތައް އިޒްރޭލު ކުށްވެރި ކުރުމަށް ބިރުގަނެއެވެ.
2003 ވަނަ އަހަރު އިސްރާއީލުގެ ބުލްޑޯޒާއަކުން އެމެރިކާގެ އެކްޓިވިސްޓެއް ކަމަށްވާ ރޭޗަލް ކޯރީ މަރާލުމަށްފަހު އިޒްރޭލުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެ އެކުލަވާލީ ސިއްރު ރިޕޯޓެކެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިކިފައި ތިބި ވަރުން އިޒްރޭލުން ހޭ ވެސް އަހާލާކަށް ނުކެރުނެވެ.
އެމެރިކާގެ ރައީސް ބައިޑެން އަކީވެސް 1973ގައި އޭނާ އިޒްރޭލަށް ކުރި ފުރަތަމަ ދަތުރަށްފަހުން ފެށިގެން އިޒްރޭލަށް ވިކިފައި ހުންނަ މީހެއްކަން ފާހަގަ ކުރެވެއެވެ.