ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިންވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޭ މަހާއި ހަމައަށް ރާއްޖޭއިން އަދި އަވަށްޓެރި ގައުމަކުންވެސް މަންކީޕޮކްސްގެ ކޭސްއެއް ފެނިފައިނުވާކަމަށެވެ. އަދި މަންކީޕޮކްސްއަކީ ބަލި ޖެހފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

"އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވެއެވެ. އަދި އެއާއި ގުޅިގެން ރާއްޖެއަށްވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ. އެގޮތުން މަންކީޕޮކްސްއާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށާއި، އަދި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

"ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ހިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކްވެސް މި އޭޖެންސީއިން މޮނިޓަރކޮށް ރިސްކް އެސެސްމަންޓްތައް ހަދަމުން ގެންދާނެއެވެ. މި ބައްޔާ ބެހޭ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި، ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޭސްއެއް ފެނިއްޖެނަމަ އެކަމާއި ގުޅިގެން އަމަލުކުރާނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިއޭޖެންސީއިން މިދަނީ ކުރަމުންނެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އިންގިރޭސިވިލާތުގައި މަންކީޕޮކްސް ވައިރަސްގެ ކޭސްތަކެއް ރިޕޯޓްކުރެވުމާއެކު އެ އައުޓްބްރޭކްގެ ހާޅަތު ބަލަމުން އައިސްފައިވާ ކަމަށެވެ. އަދި މިހާތަނަށް 12 ގައުމަކުން މީގެ 92 ކޭސް ފެނިފައިވާ ކަމަށެވެ.

މަންކީޕޮކްސްއަކީ ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި ޖައްސާ ވައިރަސްއާއި އެއް އާއިލާގެ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިނުން މަންކީޕޮކްސްއިންވެސް ރައްކާތެރިކޮށްދެއެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެއެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގާ ކަމަށާއި، މިބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެއަށްފަހު ފެން ފޮޅަށްވެ، އޭގެފަުން ފޮޅުތަކުގައި ދޮސްލާ ކަމަށާއި، ދެން ފޮޅުތައް ފަޅައިގެންގޮސް ކުރަލައި، ކުރައިގެ ދަށުން އާ ހަންގު އުފެދި ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެންމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި ބައްޔަށް ސީދާ ފަރުވާއެއް ނެތްނަމަވެސް، ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއަށްފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.