ފާއިތުވި ހަ އަހަރު ތެރޭގައި އިންޑިއާގެ ލޭބަރ މާކެޓަށް ބޮޑު ބަދަލެއް އައިސް އަންހެނުން ވަޒީފާ އަދާކުރާ މިންވަރު ވަނީ އިތުރު ވެފައެވެ. 2017 ވަނަ އަހަރުން 2024 ވަނަ އަހަރަށް ލިބެން ހުރި ޑޭޓާއިން ދައްކައި ދެނީ އިގްތިސާދީ ހަރަކާތްތަކުގައި އަންހެނުން ބައިވެރިވުން އިތުރުވެފައި ވުމާއި ވަޒީފާނެތް އަންހެނުންގެ ނިސްބަތް ދަށްވުމާއި، ވަޒީފާގެ ބާޒާރުގައި ތައުލީމީ އަންހެނުންގެ ހިއްސާ އިތުރުވުމާއި، ވަޒީފާގެ އެކި ކެޓަގަރީތަކުގައި އަންހެނުންގެ އާމްދަނީ އިތުރުވުމެވެ.
އަންހެނުން، އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުވުމުގެ ސަބަބުން، ރަށްރަށުގައި އަންހެނުންގެ ލޭބަރ ފޯސް އިތުރުވެފައިވާ ކަމަށް ދައްކައެވެ.
އިންޑިއާގައި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތް ވަޒަންކުރާ އަންހެނުންގެ ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް (އެފްއެލްއެފްޕީއާރު) ވަނީ އެއްވަރަކަށް މައްޗަށް ގޮސްފައެވެ.
ޕީރިއަޑިކް ލޭބަރ ފޯސް ސާވޭ (ޕީއެލްއެފްއެސް) އިން ދައްކާ ގޮތުގައި 2017 ވަނަ އަހަރުންފެށިގެން އެފްއެލްއެފްޕީއާރު ހުރީ ގާތްގަނޑަކަށް 23 ޕަސެންޓްގަ އެވެ. މި އަދަދު 2024ގެ ނިޔަލަށް ގާތްގަނޑަކަށް 32 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މި ސާވޭ ކުރި ފަރާތުން ފާހަގަ ކޮށްފައިވާ ގޮތުގައި މިއިން ދައްކައި ދެނީ، މުޖުތަމައުގެ ވިސްނުމާއި އިގްތިސާދީ އޮނިގަނޑުތަކަށް އަންނަމުންދާ ބަދަލުތަކެވެ.
އަދި ޖަމާއަތުގެ ފެންވަރުގައި އަންހެނުންނަށް ލިބޭ ފުރުސަތުތައް އިތުރުވުމާއި، އާއިލާތަކާއި މުޖުތަމަޢުތަކުގެ މެދުގައި ވަޒީފާގެ ބާޒާރުގައި އަންހެނުން ބައިވެރިވުމަށް އެހީތެރިވުމުގެ ޝައުޤުވެރިކަން އިތުރު ވެފައިވާ ކަންވެސް މިއިން ދައްކާ ކަމަށެވެ. އަދި ރަށްފުށުގައި ދަނޑުވެރިކަމުގެ ވަޒީފާގެ ބާޒާރުގައި އަންހުން މުހިންމު ދައުރެއް އަދާކުރާކަމަށްވެސް ދައްކައެވެ.
އަންހެނުން ރަށްފުށުގައި ހަރަކާތްތެރިވާ ދާއިރާތަކަކީ، ކިރު އުފެއްދުމާއި ދަނޑުވެރިކަމާއި، އެއްގަމުގައި ކުރާ ޑިނގާ ގެންގުޅުން ފަދަ މަސްވެރިކަމާއި، ހޯޓިކަލްޗަރ ފަދަ ދަނޑުވެރިކަމާއި އެ ކަންކަމާ ގުޅުން ހުރި ހަރަކާތްތަކެވެ.
އާބަން ސަރަހައްދުތަކުގައި އަންހެނުން ހަރަކާތްތެރި ވަނީ ތައުލީމާއި ސިއްހީ ފަރުވާއާއި ރީޓެއިލް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައެވެ.
އަންހެނުންގެ ތެރޭގައި ވަޒީފާނެތް މީހުންގެ ނިސްބަތް ހަ އަހަރުގެ ތެރޭގައި ދަށްވެފައިވާ ކަން މިސާވޭއިން ދައްކައެވެ.
2017 ވަނަ އަހަރު އަންހެނުންގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅުނީ 15 އިންސައްތައިގައެވެ. މިހާރު މި ނިސްބަތް ވަނީ 7 އިންސައްތައަށް ތިރިކުރެވިފައެވެ.