ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް ބޭންކިންގ އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.
މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ހިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
އަލަށް ތައާރަފް ކުރެވުނު މި ހިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
"ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މޯބައިލް ބޭންކިންގ އެޕަށް އައު ބަދަލުތަކަކާއި އިތުރު ފީޗަރ ތަކާއެކު މިދިޔަ އަހަރު ގެނެވުނު. މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕް ގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިންގ ހިދުމަތް ލިބިގެންދާނެ. ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާރޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ހިދުމަތް ބޭނުންކުރާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ސްކޭން ޓު ޕޭ މެދުވެރިކޮށް ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނެންގެވުމަށްފަހު ނުވަތަ މަރޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކަރ ބޭނުންކޮށްގެން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާ ދައްކާލެވޭނެއެވެ. ޓެޕް ޓު ޕޭ އިން ކަސްޓަމަރުންގެ އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާދައްކާލެވޭނެއެވެ. އަދި މޯބައިލް ކީ-އިން ޕޭމަންޓެއް ހެދުމުގެ ކުރިން، ކަސްޓަމަރުންނަށް 'މޯބައިލް ކީ-އިން' ނެންގެވުމަށްފަހު ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެކްސްޓެއް ލިބޭނެއެވެ. މި ރިކުއެސްޓް އެޕްރޫވް ކުރުމުން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.