އިންޑިއާއަށް ހޯދާނެ ކޮވިޑް ވެކްސިނެއް ފައިނަލް ކުރުމުގައި އިންޑިއާ ބަރޯސާވާނީ ސައިންސަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި މޯދީ ވިދާޅުވީ، އެހެނިގެން ބޭސްތަކެކޭ އެއްފަދައިން ކޮވިޑަށް އުފައްދާ ވެކްސިންއާވެސް ނުގުޅޭ މީހުން ތިބެދާނެ ކަމަށެވެ.

އެހެންކަމުން، އިންޑިއާގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިނެއް ހޯދައި ފައިނަލް ކުރުމުގައި އިންޑިއާއިން ބަލާނީ ސައިންސްގެ ހޯދުންތަކަށް ކަމަށް މޯދީ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރަޒެނެކާއިން ތަރައްގީކޮށްފައިވާ ކޮވިޑް ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތް އިންޑިއާގައިވެސް ކުރަމުންދާއިރު، މި ވެކްސިން އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާގައި އުފައްދަން ފަށާނެކަމަށް ބެލެވިފައި ވެއެވެ.

އިންޑިއާއަކީ، އެމެރިކާ ފިޔަވައި ދުނިޔޭގައި ދެވަނައަށް ކޮވިޑް ބަލީގެ ހާލަތު އެންމެގޯސް ގައުމެވެ.

އެމެރިކާގެ 2 ކުންފުންޏަކާއި، އިނގިރޭސިވިލާތުގެ ކުންފުންޏަކާއި، ރަޝިޔާގެ ކުންފުންޏަކުން ތަރައްގީކުރި ވެކްސިންގެ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ބުނެފައި ވާއިރު، ޗައިނާ އަދި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ކުންފުނިތަކުން ތަރައްގީކުރި ކޮވިޑް ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

އެހެން ނަމަވެސް، މިހާރު ދުނިޔޭގައި ހިނގަމުންދާ ބަހުސަކީ، ވެކްސިން ދިނުމުން ދިމާވެދާނެ ސައިޑް-އިފެކްޓްސްގެ ޒިންމާ ނަގާނީ ކޮންބައެއްތޯއާ މެދުގައެވެ.

ކޮވިޑް ވެކްސިން ގަތުމަށް ފައިސާ ދައްކާފައިވާ ދުނިޔޭގެ ބައެއް މުއްސަނދި ގައުމުތަކުންވަނީ، ވެކްސިން ދިނުމުގެ ސަބަބުން ދިމާވެދާނެ ސައިޑް-އިފެކްޓްސްގެ ފުރިހަމަ ޒިންމާ ނުވަތަ ޒިންމާއިން ބައެއް އެގައުމުތަކުން ނަގާނެ ކަމަށް، ވެކްސިން އުފައްދާ ކުންފުނިތަކާއެކު އެއްބަސްވެފައެވެ.

އެހެންނަމަވެސް، ވެކްސިން ގަތުމަށް މަސައްކަތްކުރާ އެހެން ގައުމުތަކާއި، ވެކްސިން ތަރައްގީކޮށްފައިވާ ކުންފުނިތަކާ ދެމެދު މިހާރު އެންމެ ހޫނުކޮށް ވާހަކަ ދެކެވެމުންދާ ކަމަކީ، ވެކްސިން ދިނުމުން ނުކުންނަ ސީރިއަސް މައްސަލަތަކަށް ޒިންމާވާނެ ފަރާތެއްގެ ވާހަކައެވެ.

ވެކްސިން ދީގެން ނުކުމެދާނެ މައްސަލަތަކަށް ޒިންމާވާނެ ފަރާތަކާ ގުޅޭގޮތުން އިންޑިއާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ. ބްރެޒިލްއިން ބުނެފައިވަނީ ސައިޑް-އިފެކްޓްސްގެ ޒިންމާ ކުންފުނިތަކުން ނަގަންޖެހޭނެ ކަމަށެވެ. މެކްސިކޯއިން ބުނެފައިވަނީ، ޒިންމާއިން ބައެއް އުފުލިދާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ވެކްސިނެއް އުފެއްދުމުގައި، އެކަންކުރާ ސްޕީޑާއި އަދި ވެކްސިންގެ ރައްކާތެރިކަން ވަރަށް މުހިންމު ކަމަށެވެ. އަދި ވެކްސިނެއް އުފެއްދުމުން އެއީ ރަނގަޅު އެއްޗެއްތޯ ކަނޑައަޅާނީ ސައިންސް ކަމަށާއި، އިންޑިއާ ދާނީ ސައިންސްގެ މަގުން ކަމަށް މޯދީ ވިދާޅުވިއެވެ.