މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ގެ ދަށުން އެކުލަވާލާފައިވާކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހުގެ ވެބްސައިޓް މިއަދު އިފްތިތާހު ކުރައްވައިފިއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާއި ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކުރުމެވެ. މި ޤާނޫނު ތަޞްދީޤުކޮށް، މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ، 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަކީ، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ގެ ދަށުން ޤާއިމްކުރެވިފައިވާ އިދާރާއެކެވެ. މި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ 31 އޯގަސްޓް 2021 ގައެވެ. މި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ ވާޖިބަކީ، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމެށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލައި ޝަކުވާތައް ތަޙްޤީޤުކުރުމާއި އެފަދަ ޙާލަތުގައި ބަދަލު ނަގައިދިނުމާއި ޤާނޫނާ ޚިލާފުވެފައިވާ އެއްވެސް ފަރާތަކާމެދު ފިޔަވަޅުއެޅުމާއި މި ޤާނޫނުގެ ދަށުންކުރާ ޤާނޫނާ ޚިލާފު ޢަމަލުތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ހުށަހެޅޭ ޝަކުވާތަކުގެ ތަޙްޤީޤު ރިޕޯޓު އާންމުކުރުމެވެ. މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނާ ޚިލާފުވެގެން މައްސަލަ ހުށަހަޅަންވާނީ އެކަމެއް ހިނގި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައެވެ.

ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ހުށަހަޅާ މައްސަލަތައް ތަހްޤީޤުކުރުމަށްޓަކައި، މުދާ ވިއްކާ ތަނަކަށް ނުވަތަ ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދިނުމަށްފަހު، އެތަނަކަށް ވަދެ މި ޤާނޫނާ އެއްގޮތައް ކަންތައްތައް ހިނގާތޯ ކޮންސިއުމަރ އޮމްބަޑްސްމަނަށް ނުވަތަ އޭނާ އައްޔަނުކުރާ ބަޔަކަށް ބަލައި ޗެކްކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި މިފަދައިން ބަލައި ފާސްކުރުމަށް މުދާ ވިއްކާ ތަނަކަށް ނުވަތަ ޚިދުމަތްދޭ ތަނަކަށް ވަންނަ ކޮންސިއުމަރ އޮމްބަޑްސްމަން ޢައްޔަނުކުރާ ބަޔަކަށް ތަހްޤީޤަށް ބޭނުންވާ ވީޑިއޯ ކުރުމާއި، ފޮޓޯނެގުމާއި، އެއްވެސް ލިޔުމެއްގެ ކޮޕީ ހެއްދުން ނުވަތަ ކޮޕީ ހަދައި ދިނުމަށް އެންގުމާއި، ތަހްޤީޤަށް ބޭނުންވާ މުދަލެއް ނުވަތަ ލިޔެކިއުމެއް ދިނުމަށް އެންގުމާއި އެތަނަކުން މަޢުލޫމާތު ދޭ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ހޯދުން ނުވަތަ ދިނުމަށް އެންގުމުގެ ބާރުލިބިގެންވެއެވެ. އަދި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި، އެ ޤާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތެއްގެ މައްޗަށް ނުވަތަ އެ ޤާނޫނާ ޚިލާފުވެފައިވާ ފަރާތެއްގެ މައްޗަށް 250,000/- ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރުވެސް ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.

ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓްގެ ޒަރިއްޔާއިން މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާގުޅޭ މައުލޫމާތު ފޯރުކޮށްދުނުމާއި އެފަރާތްތަކުގެ ޙައްޤު ގެއްލޭ ޙާލަތެއް މެދުވެރިވާ ހާލަތުގައި އެ މައްސަލައެއް ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހަށް ފަސޭހެއިން ހުށަހެޅޭނެގޮތެއް ޤާއިމްކޮށްދިނުން އެއީ މިފަދަ ވެބްސައިޓްއެއްގެ މައިގަނޑު މަޤްސަދެވެ. މީގެއިތުރުން މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނެއެވެ. މި ވެބްސައިޓް ފަރުމާކޮށްފައިވަނީ މި ވެބްސައިޓް މެދުވެރިކޮށް ކޮންސިއުމަރ އޮމްބަޑްސްމަންއަށް ހުށަހަޅާ މައްސަލަތަތަކާއި އެ މައްސަލަތަކުގެ ސްޓޭޓަސް ކޮންމެ ވަގުތެއްގައިވެސް އާންމުންނަށް ބެލޭނެގޮތަށެވެ.

ކޮންސިއުމަރ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓްއައް ވަދެވޭނީ consumer.gov.mv ލިންކް މެދުވެރިކޮށެވެ.

- ޚަބަރާއި ފޮޓޯ އިކޮނޮމިކް މިނިސްޓްރީ