ޤަވާއިދާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއިން ހިފަހައްޓައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ބޯޓުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ އަލަމޫ 2 ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި ބޯޓުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބިފައިވަނީ ޖޫންމަހު 6 ވަނަ ދުވަހު ހަވީރު 5:19 ގައެވެ. ހުރަވީއަށް ބޯޓު ލޮކޭޓު ކުރެވިފައިވަނީ ރޭ ދަންވަރު 1:27 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އޭގައިތިބީ ކިތައް މީހުން ކަމާއި ބޯޓުގައި މަސްހުރިތޯ ނޫންތޯ ވެސް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ. ބޯޓު ހިފަހައްޓައިފައިވަނީ މ.މުލިން 76 ނޯޓިކަލްމޭލު އިރުންނެވެ.