ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެންމެފަހުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއަށް މަރްހަބާ ވިދާޅުވެއްޖެއެވެ.

ޗައިނާއަކީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން ބައިޑެންއަށް މަރްހަބާ ނުކިޔާއޮތް މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ނޮވެމްބަރު 3 ގައި ބޭއްވި ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވައިފި ކަމަށް، އެމެރިކާގެ އާދަކާދައިގައި ކަންކުރާ އުސޫލުން ނޮވެމްބަރު 7 ގައި މީޑިއާއިން އިއުލާން ކުރުމާއެކު މުޅި ދުނިޔެއިން ބައިޑެންއަށް މަރްހަބާ ކިޔާފައި ވެއެވެ.

ނަމަވެސް، ޗައިނާއިން މަރްހަބާ ނުކިޔައި ލަސްކުރީ ކީއްވެގެންކަމެއް ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މުހައްލިލުން ވިދާޅުވެފައިވަނީ، ޗައިނާއިން ބައިޑެންއަށް މަރްހަބާ ނުކިޔައި ލަސްކުރީ، ރިޔާސީ އިންތިޚާބުގެ ބަލި ރައީސް ޓްރަމްޕް ގަބޫލުފުޅު ކުރައްވާފައި ނުވާތީއާއި، ޗައިނާއާއި އެމެރިކާގެ ގުޅުން ނުހަނު ގޯސްވެފައިވާތީ، ބައިޑެންއަށް މަރްހަބާ ކިޔައިފިނަމަ ގުޅުން އިތުރަށް ގޯސްވެދާނެތީ ކަމަށް ބެލެވޭ ކަމަށެވެ.

ޓްރަމްޕް އަދިވެސް ބަލި ގަބޫލު ކުރައްވާފައި ނުވިނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މިހާރުވަނީ، ވެރިކަމާ ހަވާލުވެވަޑައި ގަތުމަށް ތައްޔާރުވަމުންދާ ބައިޑެންގެ ޓްރާންސިޝަން ޓީމަށް ރަސްމީގޮތުން އެއްބާރުލުން ދޭން ފަށާފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައިޑެންއަށް ފޮނުއްވި މަރްހަބާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ބައިނަލްއަގްވާމީ މުޖުތަކައުގެ އުންމީދަކީ ޗައިނާއާއި އެމެރިކާއާ ދެމެދު "ސިއްހަތު ރަނގަޅު އަދި ހަމަޖެހޭ" ގުޅުމެއް އޮތުން ކަމަށެވެ.

އަދި ދެފަރާތުންވެސް ކުރިމަތިލުންތަކާއި އަރާރުންތަކަށް ނުގޮސް، އިހްތިރާމްކޮށް، ދެފަރާތުގެ މަސްލަހަތަށްވެސް ހަމަހަމަ ގުޅުންތަކެއް، ބައިޑެންގެ ސަރުކާރާއެކު ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށް ޗައިނާގެ ރައީސް ވިދާޅުވެފައި ވެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ ވާދަވެރިކަން އޮންނަނީ ވިޔަފާރިއާއި، ޓެކްނޮލޮޖީއާއި، ސަލާމަތީ ކަންތައްތަކުގައެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން، މި މައްސަލަތަކުގައި ދެފަރާތުގެ އަރާރުންތައް ވަރަށްބޮޑުވެ، ހަނގުރާމައެއް ކޮށްފާނެހެން ހީވާ ހިސާބަށްވެސް ކަންތައްތައް ދިޔައެވެ.

ހޮންގްކޮންގް މައްސަލައާއި، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޗައިނާގެ ޝިންޖިއަންގްއާއި، ކޮވިޑް-19 ބަލީގެ މައްސަލާގައިވެސް ގުޅުންތައް އިހުނަށްވުރެ ގޯސްވެގެންދިޔައެވެ.