އިސްލާމީ 13 ގައުމެއްގެ ރައްޔިތުންނަށް ވިސާދިނުން، ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ޔޫއޭއީން ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އީރާން، ތުރުކީ، ސޫރިޔާ، ސޯމާލިއާ، އަފްޣާނިސްތާން، ލީބިޔާ، ޔަމަން، އަލްޖީރިއާ، ކެންޔާ، އިރާގު، ލުބުނާނު، ޕާކިސްތާން އަދި ޓިއުނީޝިޔާއެވެ.

މި ގައުމުތަކަށް ވިސާދިނުން ހުއްޓާލިކަން ހާމަކޮށްފައިވަނީ، ޔޫއޭއީ ސަރުކާރުން ހިންގާ ބިޒްނަސް ޕާކްގައި އޮޕަރޭޓްކުރާ ކުންފުނިތަކަށް ސަރުކާރުން ފޮނުވި ލިއުމެއްގައެވެ.

އެ ލިއުމުގައިވާގޮތުން، ނޮވެމްބަރު 18 ގައި މިފިޔަވަޅު ވަނީ އަޅާފައެވެ.

އެ ލިއުމުގައި ބުނެފައިވަނީ، ލިސްޓުގައި ހިމެނޭ ގައުމުތަކުން އެ ކުންފުނިތަކުން އަލަށް ވަޒީފާދޭ މީހުންނަށާއި، އަދި އެ ގައުމުތަކުން ޔޫއޭއީއަށް އަލަށް ޒިޔާރަތްކުރާ މީހުންނަށް ވިސާދިނުން، އިތުރު އެންގުމެއް އަންގަންދެން ހުއްޓާލާފައިވާ ކަމަށެވެ.

ޔޫއޭއީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، އެ ގައުމުތަކުން ޚާއްސަ ހާލަތުގެ ދަށުންވިޔަސް އިތުރު ބަޔަކަށް ވިސާދޭނެކަމެއް ސާފު ނުވާކަމަށް މީޑިއާއިން ބުނެއެވެ.

އަދި މި ގައުމުތަކަށް ވިސާދިނުން ހުއްޓާލީ ކީއްވެގެން ކަމާމެދުވެސް ޔޫއޭއީ ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް، އެތެރޭގެ މަސްދަރުތަކުން ބުނަނީ، ސަރުކާރުން މިފިޔަވަޅު އެޅީ ސަލާމަތީ ކަންބޮޑުވުންތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެއީ ކޮން ކަހަލަ ކަންބޮޑުވުންތަކެއް ކަމެއް ނުބުނެއެވެ.

ޔޫއޭއީން ދާދިފަހުންވަނީ، އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން ނިންމައި، އެކަމަށް މަސައްކަތް ފަށާފައެވެ. އަދި ވިސާއާ ނުލައި ދެ ގައުމުގެ މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމުވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

އަދި އިސްލާމީ މުޖުތަމައެއްގެގޮތުގައި ޔޫއޭއީ ކުރިން އޮތްއޮތުން ނިމުމަކަށް ގެނެސް، އެގައުމު ދުނިޔެއަށް އިތުރަށް ހުޅުވާލުމަށް ސަރުކާރުން ގެންދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.