ދިވެހި މުޖުތަމަޢުގައި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެމް.އާރް.އެމް އިން ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

އެބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ، ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ ފަރާތްތަކުން ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް މި ޕާޓީއިން ގޮވާލަމެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާއިމެދު އެކަށޭނަ ފިޔަވަޅު އެޅުމަށްވެސް މި ޕާޓީން ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވަނީ މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުން އިސްތިޢުފާ ދިނުމަށްވެސް އެ ޕާޓީން ގޮވާލާ ކަމަށެވެ. އެފަދަ ފަރާތްތައް ދައުލަތުގެ މަޤާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކުރުން ކޮންމެހެން މުހިއްމު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޕާޓީން ބުނެފައިވަނީ އެ ފަދަ ޢަމަލެއްގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ، ޚާއްސަ އިސްކަމެއް ދީގެން ޕާޓީގެ އޮނިގަނޑުތެރެއިން މައްސަލަ ބަލައި، ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި، ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.