ކުދިންނާއި ބެލެނިވެރިންވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހުރީއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން މިއަދު ހަވީރު ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހަވީރު ސްޓެލްކޯގެ ސެމިނަރ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ވެސް އެކަމަނާ ވަނީ ހަވާލުކޮށްދެއްވައިފައެވެ.
ޕްރީސްކޫލް ނިންމައި ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާއިރު ޗުއްޓީތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެން ހެއްދެވުމުން ސްކޫލަށް ކުދިންގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވާކަމަށާއި އެހެންކަމުން ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުންފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމަކީ މުހިންމު ކަމެެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ޕްރީ ސްކޫލުތަކަށް މުޖުތަމަޢާއި އަމިއްލަފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މިހަފްލާގައި ގުރެޖުއޭޓްވި ދަރިވަރުންނަށް އެކަމަނާ ވަނީ ވާހަކައެއްވެސް ވިދާޅުވެދެއްވާފައެވެ.
މިހަފްލާގައި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަށް ހަދިޔާކުރެއްވިއެވެ.
ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލަކީ 233 ކުދިންނާއި އެކު 2012 ވަނަ އަހަރު ފެށުނު ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.