ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްރަށަށް އުދަ އަރަން ފަށައިފިއެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވުމުން ދިޔަވަރު ބޮޑުވާ ވަގުުތު ބައެއް ރަށްރަށަށް އުދައަރާނޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން އިއްޔަވަނީ ވިދާޅުވެފައެވެ.
މިއަދު އުދަރަމުންދާ ރަށްރަށުގެ ތެރޭގައި އައްޑޫސިޓީގެ އަވަށްތަކާއި ގދ.ފަރެސްމާތޮޑާއި އެ އަތޮޅު ފިޔޯރިއާއި، ރަތަފަންދުއާއި ނަޑައްލާއި މަޑަވެލި، ތ. އަތޮޅުގެ ބައެއް ރަށްރަށް ހިމެނެއެވެ. އުދަ އެރުމުގެ ސަބަބުން އެރަށްރަށަށް އެކިިވަރުގެ ގެއްލުން ދަނީ ވަމުންނެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވީ އެރަށުގެ އެކިދިމަދިމާއިން އުދައަރަމުންދާ ކަމަށެވެ. އެހެންނަމަވެސް އުދައިގެ ސަބަބުން ލިބެމުންދާ ގެއްލުން މިހާތަނަށް ބެލިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. "ރަށުގެ ތިރި ދިމަދިމާއިން މިހާރުވެސް ދަނީ އުދައަރަމުން. އުދައިގެ ސަބަބުން މިވަގުތު ގެއްލުމެއް ލިބިފައިވާކަން ފާހަގަވެފައިނެތަސް ލޮނުގެ އަސަރުކޮށްގެން ގަސްގަހާގެއްސާއި ގޮވާމާއި މިފަދަ ބާވަތްތައް މަރުވުމުގެ ފުރުސަތުވަރަށް ބޮޑު،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެރަށް ބޯކޮށް ވާރޭވެހެމުންދާ ކަމަށެވެ.
ފަރެސްމާތޮޑާއަކީ އާންމުކޮށް އުދައެރުމުގެ ތާރީޚެއް އޮންނަ ތިރި ރަށެކެވެ. އެރަށަށް ބޮޑަށް އުދަަރަމުންދަނީ ފަރެސް އަވަށަށެވެ. މީގެ ކުރީގައި އުދައަރައި އެރަށަށް ބޮޑެތި ގެއްލުން ވެފައި އެބަހުއްޓެވެ. އެއަތޮޅު ފިޔޯރީ، ރަތަންފަންދޫ، ނަޑައްލާއަށް ވެސް އުދައަރައި އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ. އެހެންނަމަވެސް އެއްވެސް ރަށަކަށް ލިބިފައިވާ ގެއްލުުގެ ތަފްސީލެއް އަަދި ނުލިބެއެވެ.
މިރަށްރަށަށް އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން މިހާރު ގެންދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން ސ.މަރަދޫ ސ.ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށާފައެވެ. އުދައިގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ގެތެކަށް ވެސް ލޮނު ވަދެފައިވެއެވެ. އައްޑޫ ސިޓީއަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މީގެ އިތުރުން ގދ. ކާޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އުދައިގެ ސަބަބުން ގދ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މިގޮތުން ގދ. މަޑަވެލީގައި ކާޑެއްދޫ ޕޯސްޓްގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުނެވެ.