އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި، އެގައުމުގެ ބޭހާއި ވެކްސިން އުފައްދާ އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކުރި ކޮވިޑް-19 ވެކްސިން އިތުރަށް ދިރާސާކުރަން ބޭނުންވާ ކަމަށް އެ ކުންފުނިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

އެސްޓްރަޒެނެކާއިން މިކަން ހާމަކުރީ، އެ ކުންފުނިން ތަރައްގީކުރި ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާއާމެދު އިތުރު ސުވާލުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

އެސްޓްރަޒެނެކާއާއި އޮކްސްފޯޑުން މިދިޔަ ހޯމަދުވަހު ބުނެފައިވަނީ، އެދެބައި މީހުން ގުޅިގެން ތަރައްގީކުރި ކޮވިޑް ވެކްސިން އަޖުމަ ބެލުމުގެގޮތުން ކުރިއަށް ގެންދެވުނު ފުރަތަމަ ކްލިނިކަލް ޓްރައިލްސްތަކުން އެވްރެޖް %70 ކާމިޔާބު ކަމަށެވެ.

އަދި ވެކްސިންގެ ދެވަނަ ޑޯޒް ދީގެން ކުރިއަށް ގެންދިޔަ ޓްރައިލްސްގެ އެވްރެޖް ނަތީޖާ %90 ކާމިޔާބު ކަމަށް ދައްކާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކްލިނިކަލް ޓްރައިލްސްގެ ވަގުތީ ނަތީޖާ ކާމިޔާބުކަމަށް ދެއްކުމާ ގުޅިގެން، އެސްޓްރަޒެނެކާއާއި އޮސްފޯޑުންވަނީ، މި ވެކްސިން ޔޫރަޕްގައި ބޭނުންކުރުމުގެ ރެގިއުލޭޓަރީ ހުއްދައަށްވެސް އެދިފައެވެ.

އެސްޓްރަޒެނެކާއިން ތަރައްގީކުރި ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާއަކީ، ވާދަވެރި އެހެން ކުންފުނިތައް ކަމަށްވާ، އެމެރިކާގެ ފައިޒަރ އަދި މޮޑަނާއިން ތަރައްގީކުރި ވެކްސިން ޓްރައިލްސްތަކުން ދެއްކި ނަތީޖާއާ ގާތްގަނޑަކަށް އެއްވަރުގެ ނަތީޖާއެކެވެ.

އެހެން ނަމަވެސް، ސުވާލު އުފެދުނީ، ވެކްސިން ޓެސްޓުތަކުގެ ނަތީޖާ އެހާ މަތީ ރޭޓަކުން ކާމިޔާބު ކަމަށް ދެއްކީ، ކްލިނިކަލް ޓްރައިލްސްގެ ތެރޭގައި ހެދުނު ގޯސްތަކަކުން ކަމަށް ރިޕޯޓްތައް އާންމުވުމާ ގުޅިގެންނެވެ.

ކްލިނިކަލް ޓްރައިލްސްގެ ތެރޭގައި ގްރޫޕެއްގެ ބަޔަކަށް އެކްސިޑެންޓަކުން ފުރަތަމަ އެއް ޑޯޒް ވެކްސިން ދިނުމަށްފަހު ފަހުން ބައި ޑޯޒް ވެކްސިން ދެވުނުއިރު، ނަތީޖާ %90 އަށް އަރައިގެންދިއުމާމެދުވެސް ސައިންސްވެރިންނާއި، ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.

އޮކްސްފޯޑު ވެކްސިން ގްރޫޕްގެ ވެރިޔާ އެންޑްރޫ ޕޮލާޑް ވިދާޅުވީ، މައްސަލައެއް އުޅޭކަން ކަށަވަރު ކުރުމަށްޓަކައި މަދު ބަޔަކު ބޭނުންކޮށްގެން އިތުރު ދިރާސާތަކެއް ހަދައި ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ.

އަދި، މި ދިރާސާތަކުގެ ނަތީޖާ އަންނަމަހު ލިބޭވަރުވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.