އަޅުގަނޑުމެން މި ކުދި ޖަޒީރާ ރަށްތަކުގެ އަހުލުވެރީން ޢީދުތައް ފާހަގަ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އަޟުހާޢީދާއި ފިތުރު ޢީދުގެ ޙަރަކާތްތައް އުފާވެރި، އެކުވެރިކަން ބަދަހިވާނެ ގޮތައް ރާވާ ހިންގައެވެ. އެގޮތުން ވ. އަތޮޅު ކެޔޮދޫގައި އަޟުހާޢިދު ދުވަހު ބާއްވާ "ޢީދު ބޮޑުމަގު ކެއުން" ފެނުމުން ހިތަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދެއެވެ.

ފާއިތުވި ދެއަހަރު ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން އަޟުހާ ޢީދު ފާހަގަކުރުމަށް އާދަކަދައިގެ ގޮތުގައި ކުރާ އެތައްކަމަކުން މަހުރޫމުވެ ތިބެންޖެހުނެވެ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ކެޔޮދޫ ރައްޔިތުންވެސް އެ ރަށުގެ އާދަކަދައިގައި ހިމެނޭ ބޮޑުމަގު ކެއުމުގެ ހަފުލާ އިއްޔެ ބޭއްވިއެވެ.

ކެޔޮދޫން ވާހަކަދެއްކި ނާސިޙާ މުޙައްމަދު ބުނުއްވީ މި ކެއުމުގައި އަބަދުވެސް ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވާ ކަމުގައެވެ. އަދި ރަށަށް ޒިޔާރަތް ކުރާ މެހުމާނުންނާއި ފަތުރުވެރިންވެސް ބައިވެރި ވެއެވެ.

ބޮޑުމަގު ކެއުމަށް ތައްޔާރުކުރުމުގެ ގޮތުން ރަށުގެ އަވައްޓެރީން ބައިބަޔަށް ބަހާލައިގެން މިފަހަރު ކެޔޮދޫގައި 7 ކޭން ތައްޔާރުކުރިއެވެ. އެގޮތުން ކޮންމެ 15 ގެއަކުން ކެއުމެއް ތައްޔާރު ކުރިކަމަށް ނާސިހާ ބުނުއްވިއެވެ.

މި ކެއުން ތައްޔާރުކުރަނީ ޢީދު ދުވަހުގެ މެންދުރަށެވެ. މެންދުރަށް ކޮންމެ ގެއެއްގައި ތައްޔާރުކުރާ ހުރިހާ ތަކެއްޗެއް މި ކެއުމަށް ގެންދެއެވެ. އަދި އަޟުހާޢީދު ދުވަހު ކެޔޮދޫގައި ތިބި ކުދި ބޮޑު އެންމެން މި ކެއުމަށް އިންސާފު ކުރެއެވެ.

ކެޔޮދޫ ބޮޑުމަގު ކެއުމުގެ އެންމެ މަޖާކަމަކީ ހުރިހާއެންމެންވެސް ތައްޔާރުކޮށްފައިވާ ހުރިހާ ކޭމެއް ކައިރިއަށް ތަށިހި ފައިގެން ގޮސް އެ ތަކެތި ރަހަބެލުމެވެ، އެގޮތުން އެއް ކޭމުން ކައިގެން ތަށި ހިފައިގެން އަނެއް ކޭމަށް ދިއުމަކީ ކުދިންނަށްވެސް ވަރަށް މަޖާ ކަމެއްކަމުގައި ކެޔޮދޫން ވާހަކަދެއްކި ރައްޔިތަކު ބުނުއްވިއެވެ.

ބޮޑުމަގު ކެއުމުގެ އިންތިޒާމުތައް ރޭވުމުގައި ކެޔޮދޫ ކައުންސިލުން އިސްދައުރެއް އަދާކުރެއެވެ. އެގޮތުން ކޭން ތައް ތައްޔާރުކުރާތަންތަން ހިޔާކޮށްދީ އެތަނަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައްވެސް ހޯދައިދެއެވެ.

ކެޔޮދޫ ޢީދު ބޮޑުމަގު ކެއުން، ފޮޓޯ: އެފްބީ

އަޅުގަނޑުމެންގެ އިސްލާމީ މިފަދަ ޢީދުތައް ފާހަގަކުރުމުގައި އެންމެ ބޮޑަށް ވިސްނަންވީ އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމަށެވެ. ވަކިފަރުދެއް ތަފާތު ކުރުމެއްނެތި އެންމެންވެސް ޝާމިލުކޮށް، ޢީދުގެ އުފާ އެންމެންނަށްވެސް ލިބޭނޭގޮތަށް ކަންތައްތައް ރޭވުމަށެވެ. ކެޔޮދޫ ބޮޑުމަގު ކެއުމުން މި ދައްކަނީ މިފަދަ ނަމޫނާއެވެ. މިފަދަ ކަންކަން އަޅުގަނޑުމެންގެ ޅަ ދަރީންނަށް ދަސްކޮށްދޭން ޖެހެއެވެ. މިފަދަ ހަރަކަތްތަކުން ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަގާފަތް އަންނަން އޮތް ޖީލުތަކާއި ހަމައަށްވެސް ވާސިލު ކޮށްދެވޭނެއެވެ.