އިސްލާމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި، ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އިތުރަށް ވިދާޅުވީ މި ޒަމާނުގައި ކުރިމަތިވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެންޖެހޭ ކަމަށާއި، އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމެއްކަމުގައެވެ.
ޑރ. ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ޙުކުމްތައް ބަޔާންކުރުމުގައި ފިޤުހީ މުޢުތަބަރު ޚިލާފު ހުންނަ ކަންކަމުގައި ޚިލާފު އޮތްކަމުގެ ވާހަކަ ބަޔާންކުރުން މުހިންމެވެ. އަދި ތަބަޢަވާންޖެހޭނީ ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފިޤުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާޢީ، ޢުރުފީ ސަބަބުތައް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގުފަހިވާނެ ކަމެއްކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ޚިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިޙުތިރާމް ކުރުމަކީ އިލްމުވެރިންގެ އަޚުލާޤުކަމުގައި ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދީނީ ކަންކަމުގައި ފަތުވާ ދޭއިރު، މީސްތަކުންގެ ޙާލަތާއި ޢުރުފާއި ސަޤާފަތާއި ޒަމާނާ މެދު ރިޢާޔަތްކުރުމަކީ މުހިންމު ކަމެއްކަމަށާއި، އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި މުޖުތަމަޢާއި ދައުލަތުގެ ޢާއްމު މަޞްލަޙަތުތައް ޚާއްޞަ މަޞްލަޙަތުތަކުގެ މައްޗަށް އިސްކުރަންޖެހޭނެ ކަމުގައެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި، ދީނީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަމެއް ދެއްވާކަމަށެވެ. އަދި ގިނަ ދުވަސްތަކަކަށް ފަތުވާ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން، ރައީސް ވަނީ ނިމުމަކަށް ގެންނަވައި، ޤާނޫނުގައި ބުނާ ފުރިހަމަ ޢަދަދަށް މެންބަރުން ޢައްޔަންކުރައްވާފައިކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.