އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި މަތީ ސަނަދުތަކެއް އޮތް ނަމަވެސް އެބޭފުޅުންގެ އިތުރު ހުނަރެއް ނެތެވެ.

ދުނިޔޭގެ ގައުމުތަކުގައި ވެރިކަން ކޮށް ސިޔާސަތު އެކަށައަޅާ މީހުންގެ ތައުލީމީ ފެންވަރާ ބެހޭ ގޮތުން އަހަރުތަކެއް ވަންދެން ސައިންސްވެރިން ވަނީ ދިރަސާކޮށްފައެވެ. އެމެރިކާއާއި އިޓަލީވިލާތާއި ޔުކްރެއިންގެ ފަދަ ޤައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ޚިލާފަށް، އިންޑިއާއާއި ޕާކިސްތާނާއި އެފްރިކާ ބައްރުން ފެންނަނީ ތައުލީމީ ގޮތުން އޮއްޓަރެއް ނެތް ގޮފަޅައިން ގިނަ ކަމަށެވެ.

ގާނޫނު ހަދާ މަޖިލިސްތަކުގައި ތިބި މެމްބަރުންގެ އެވަރެޖު އުމުރު މިއަހަރު އުޅެނީ 51 އަހަރުގައެވެ. އަދި ފާހަގަ ކުރެވުނު ގޮތުގައި މަޖިލިސްތަކުގައި އަންހެނުން ތަމްސީލު ކުރާ ނިސްބަތް އުޅެނީ 27 އިންސައްތައިގައެވެ.

އިކޮނޮމިސްޓުން ވަނީ އޮކްޓޯބަރ އަދި ނޮވެމްބަރު މަހު ނެރުނު ދެ ޑޭޓާސެޓަކުން ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންގެ ޢިލްމީ ޤާބިލުކަން ބެލުމަށް ދިރާސާއެއް އެކުލަވާލާފައެވެ. މި ދިރާސާގައި 6 ޔުނިވަރސިޓީއަކުން ސައިންޓިސްޓުން ބައިވެރިވެފައި ވެއެވެ. އަދި ތަފާތު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޑޭޓާ މި ދިރާސާގައި ބޭނުންކޮށްފައި ވެއެވެ.

އެގޮތުން ފުރަތަމަ ސާވޭ ކޮށްފައި ވަނީ، 2015 އާއި 2017 އާ ދެމެދު އެވެ. އެއިރު، 97 ގައުމެއްގެ 20،000 ޕާލަމެންޓް މެމްބަރުންގެ ބަޔޮގްރަފިކަލް މައުލޫމާތު އެއްކޮށްގެން ދިރާސާ ކޮށްފައި ވެއެވެ.

މިއީ މިހާތަނަށް މި ރޮނގުން ކުރެވުނު އެންމެ ފުރިހަމަ ސާވޭ އެވެ.

މައިގަނޑު ގޮތެއްގައި ސާވޭތަކުން ދައްކާފައި ވަނީ، އިންތިޚާބާއެކު ސަރުކާރުތައް ބަދަލުވި ކަމުގައި ވިޔަސް ސިޔާސީ ދާއިރާއަށް ވަންނަ މަގަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމެވެ.

މިޑޭޓާ ބޭނުންކޮށްގެން އެކުލަވާލި ދިރާސާއިން ދައްކާ ގޮތުގައި، ގާނޫނު ހަދާ މަޖިލިސްތަކުގެ 78 އިންސައްތަ މެމްބަރުންގެ އަތުގައި އެންމެ ދަށްވެގެން ޔުނިވަރސިޓީ ޑިގްރީއެއް އޮވެއެވެ. އަދި 40 އިންސައްތަ އެމްޕީންގެ އަތުގައި ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮވެއެވެ. މިއީ ދުނިޔޭގެ ނިސްބަތެވެ.

މި ނިސްބަތް ދުނިޔޭގެ މުއްސަނދި ގައުމުތަކާ އަޅާބަލާއިރު، ދަށްކަމަށް ފާހަގަ ކުރެވެއެވެ.

މުއްސަނދި ޤައުމުތަކުގައި ޔުނިވަރސިޓީ ޑިގްރީއެއް އޮތް އެމްޕީންގެ ނިސްބަތަކީ، 35 އިންސއްތަ އެވެ. އަދި އެއަށް ވުރެން މައްޗަށް ކިޔަވާފައިވާ ނިސްބަތަކީ، 15 އިންސައްތައެވެ.

އިކޮނޮމިސްޓުގެ ދިރާސާގައި ދިވެހިރާއްޖެ ހިމަނާފައެއް ނުވެއެވެ. އެއީ، އާބާދީގެ ނިސްބަތަށް ބަލައިގެން އެނޫހުން ދިރާސާ ކުރުމުގައި ގިންތިކުރީ 2 މިލިއަނަށް ވުރެން އަބާދީ ބޮޑެތި ޤައުމުތަކެވެ. އެފަދަ 56 ގައުމެއް ދިރާސާކޮށްފައި ވެއެވެ.

ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް ފުރިހަމަ ކޮށްފައިވާ އެމްޕީން އެންމެ ގިނަ ޤައުމަކީ، ޔުކްރެއިން އެވެ. އެޤައުމުން އެއްކުރި ޑޭޓާއިން ދައްކަނީ، ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އެމްޕީން އަތުގައި ޕީއެޗްޑީއެއް އޮތް ކަމަށެވެ.

ޔުކްރެއިން އަކީ އަބަދުވެސް ސިޔާސީ މައިދާނުގައި މީހާގެ ޢިލްމީ ފެންވަރު ވަޒަން ކުރާ ޤައުމެކެވެ. އެހެންވެ، މަތީ ފެންވަރަށް ކިޔަވާފައިޥާ މީހުން އަބަދުވެސް ޕާލަމެންޓްގައި އިތުރު ކަމަށް ދައްކައެވެ.

ޔުކްރެއިން، 1991 ވަނަ އަހަރު މިނިވަންވި ފަހުން، މިހާރުގެ ކޮމޭޑިއަން ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ފިޔަވައި މިހާތަނަށް ވެރިކަން ކުރެއްވި ހުރިހައި ރައީސުންނަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ ރައީސުންނެވެ. (ޓީވީ ކޮމެޑީ ސްޓާރ ޒެލެންސްކީ މަގާމަށް އާދެވުނު ގޮތް ހޯދާލުމުން ހައިރާން ވާނެއެވެ.)

ދެން މަތީ ފެންވަރަށް ކިޔަވާފައިވާ އެމްޕީން ތިބި އަނެއް ޤައުމަކީ، ދެކުނު ކޮރެއާ އެވެ. އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މީހުންނަކީ، ޕީއެޗްޑީ ހާސިލްކޮށްފައިވާ މެމްބަރުންނެވެ.

އަދި ތިންބައިކުޅަ ދެބައި މީހުންނަކީ ޕޯސްޓްގްރެޖުއޭޓް ޑިގްރީ ހާސިލުކޮށްފައިވާ އެމްޕީންނެވެ.

ދެކުނު ކޮރެއާ އަޅާ ބަލާއިރު، އިޓަލީ، ނޯވޭ އަދި އިނގިރޭސިވިލާތުގައި ސާނަވީއަށް ވުރެން މައްޗަށް ތައުލީމު ހާސިލް ނުކުރާ އެމްޕީންގެ ހިއްސާ ބޮޑުކަމަށް ދައްކައެވެ.

ސާނަވީ ތައުލީމާ ނުލައި މަޖިލީހުގެ ރައީސްކަން ކުރުމުގެ މިސާލެއް ދައްކަމުން އިކޮނޮމިސްޓުން ވަނީ، އިނގިރޭސިވިލާތުގެ މަޖިލީހުގެ ރައީސް ސަރ ލިންޑްސޭ ހޮއިލް ގެ މިސާލު ދައްކާފައެވެ.

އިޓަލީވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސުން، ލުއިޖީ ޑި މައިއޯ އާއި މަޓިއޯ ސަލްވީނީ އަކީ ވެސް ސާނަވީ ތައުލީމަށް ވުރެން މަތިން ކިޔަވާ ވިދާޅުވި ބޭފުޅުންނެއް ނޫނެވެ.