ސްޕެނިޝް ލަލީގާގައި މިސީޒަނުގައި އެންމެ ބޮޑަށް ވިދަމުން އަންނަ ޒުވާން ފޯވާޑަކީ އެތުލެޓިކޯ މެޑްރިޑުގެ ކޯޗް މަޝްހޫރު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖޫލިއިއާނޯ ސިމިއޯނީއެވެ.
ލީގުގައި ރޭ އަލްވެސް އަތުން 2-1 އިން އެތުލެޓިކޯ މޮޅު ކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރި އުމުރުން 21 އަހަރުގެ ޖޫލިއާނޯ މިވަނީ އެންމެފަހުން އޭނާ ކުޅުނު 3 މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.
ޖޫލިއާނޯ އުފަންވީ 18 ޑިސެމްބަރު 2002 ގައި އިޓަލީގެ ވެރިރަށް ރޯމުގައެވެ. އޭރު އޭނާގެ ބައްޕަ ސިމިއޯނީ ކުޅެމުންދިޔައީ ރޯމަށް ނިސްބަތްވާ ލާޒިއޯއަށެވެ. ޖޫލިއާނޯ އޭނާގެ ޔޫތު ކެރިޔަރ ފެށީ އާޖެންޓީނާގެ މަޝްހޫރު ރިވަޕްލޭޓުންނެވެ. އެއަށްފަހު ދެން ގުޅުނީ އެތުލެޓިކޯ މެޑްރިޑުގެ އެކަޑަމީއާއެވެ. ބައްޕަގެ އިރުޝާދުގެ ދަށުން ޖޫލިއާނޯ އެތުލެޓިކޯ މެޑްރިޑުގެ ސީނިއަރ ޓީމުގެ ސްކޮޑަށް ފުރަތަމަ ނެގީ 2022 ވަނަ އަހަރުގައެވެ. އެކަމަކު ހަމަ އެ އަހަރު ބައްޕަގެ އިރުޝާދުގެ ދަށުން ޒަރަގޯޒާއަށް ލޯނު އުސޫލުން ޖޫލިއާނޯ ބަދަލުވިއެވެ. އަދި ލޯނު އުސޫލުން މިދިޔަ ސީޒަނުގައި ކުޅުނީ އަލްވޭސްއަށެވެ. ބޭނުމަކީ ފުރަތަމަ އެގާރައިގައި ހިމެނި ގިނަ މެޗުތަކެއް ކުޅެ މަތީ ފަންތީގެ ތަޖުރިބާ ހޯދުމެވެ.
ލީގުގައި އެތުލެޓިކޯ މެޑްރިޑް އެންމެފަހުން ކުޅުނު 3 މެޗުގައި 1 ލަނޑު ޖަހައި 2 ލަނޑު ޖަހަން ޖޫލިއާނޯ އެސިސްޓް ކުރިއެވެ. ބައްޕަގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ޖޫލިއާނޯ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އެންމެފަހުގެ ވަރލްޑް ކަޕް ކޮލިފައިންއަށް އާޖެންޓީނާ ނެގި ސްކޮޑުންވެސް އޭނާއަށް ޖާގަ ދިނެވެ. އަދި މިމަމުގެ 20 ވަނަ ދުވަހު ވަރލްޑް ކަޕް ކޮލިފައިންގައި ޕެރޫއާ ދެކޮޅަށް ޖޫލިއާނޯ ކުޅެންވެސް އެރުވިއެވެ. މިއާއެކު ބައްޕަ ސިމިއޯނީއަށް ވެސް ވަނީ ހާއްސަ ޝަރަފެއް ލިބިފައެވެ. އެއީ އޭނާގެ 3 ފިރިހެން ދަރިންގެ ތެރެއިން 2 ދަރިން އޭނާ ފަދައިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅެދިނުމުގެ ޝަރެފެވެ. ސިމިއޯނީގެ ދޮށީ ފިރިހެންދަރި ކުޅެމުން ދަނީ ނަޕޯލީއަށެވެ. މެދަށް ހުރި ޖިއަންލޫކާ ސިމިއޯނީ ބަލްޑިނީ ކުޅެނީ ސްޕެއިން ދެވަނަ ޑިވިޝަނުގެ ރަޔޯ މަޖަޑަހޮންޑާއަށެވެ.
އެތުލެޓިކޯ - އަލްވެސް (އުސްއަލިތައް)
https://www.youtube.com/watch?v=D1HhHY6bKZI