ޢީދުގެ ޘަޤާފީ ކުޅިވަރު ތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގެ އެކި މަންސަތަކުން ފެނުމުން ދިވެހީން ޘަޤާފީ ކުޅިވަރުތަކަށް ތަރުޙީބު ދޭ މިންވަރު ހާމަވެއެވެ. ޘަޤާފީ ކުޅިވަރުތައް ދިރުވައި އާލާ ކުރުމަކީ އަޅުގަނޑުމެންގެ ކާބަފައިން، އަދާ ހަމައަށް ފޯރުކޮށްދެއްވި ތަރިކައަށް ޝުކުވެރި ވުމެވެ. ދިވެހި ކާބަފައިންނަކީ އެއްބައިވަންތަކަމުގެ ނަމޫނާ ބައެއްކަން މި ކުޅިވަރުތަކުން ސާބިތު ކޮށްދެއެވެ. އެގޮތުން މިފަހަރުގެ ޢީދު ކުޅިވަރުތަކުގެތެރެއިން ލޮލުގެ ކަޅި އެ މަންޒަރަކުން ދުރުނުވި އެއް ތަސްވީރަކީ ރ. އިނގުރައިދޫ ކޯޑި ނަވެވެ. އެ ނައުގެ ރީތި ކަމާއި ޗާލުކަމުން ނެވެ.

އިނގުރައިދޫ ކޯޑި - ނާގަނޑު އެޅުން، ފޮޓޯ: އިއްސެ، އެފްބީ

އިނގުރައިދޫ މީހުން ޢީދުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން "ކޯޑި - ނާގަނޑު އެޅުން" މި ކިޔައިދެނީ ރީތި ވާހަކައެކެވެ. އިހު ޒަމާނުގައި ރާއްޖެއަށް އުރުނު ފޭރޭ ބޯޓެއްގެ ހާދިސާއެކެވެ. މިހާރުގެ ކުދިން ކިޔާ ގޮތުންނަމަ، "ޕައިރެޓް ޝިޕް" އެއްގެ ވާހަކައެވެ. އިނގުރައިދޫގެ ޢީދު ކޮމެޓީގައި އިސްކޮށް ޙަރަކާތްތެރިވާ އިބުރާހިމް ސާހީން ބުނުއްވީ މި ނަވަކީ ކަނޑުމަތީ ފޭރޭ ނަވެކެވެ. މި ނައު ދަތުރު ކުރަމުންގޮސް އިނގުރައިދުއަށް އުރުނީއެވެ.

މި ނައު އިނގުރައިދުއަށް އުރުމުން އެރަށުގެ ފިރިހެނުން ނުކުމެ އެ ނައު ރަށު ފަޅުގައި އަޅާ، އޭގައި ތިބި ފަޅުވެރީން އިހުތިރާމާއި އެކު ރަށަށް ބާލައެވެ. އެ ނަވުގައި ތިބެނީ ކާފައަކާއި މާމައަކާއި އަދި ކާފަދަރީންނެވެ. މި އެންމެންނަށްވެސް އެރަށުން ހޫނު މަރުހަބާއެއްކިޔައެވެ. މި ނަވުގައި ރަނުގެ އަގުބޮޑު ގަހަނާތަކާި ކޯޑި ހުންނަކަމަށް ސާހީން ބުނުއްވިއެވެ.

ނާ، އިނގުރައިދޫ ފަޅުގައި އަޅާފައި އޮއްވާ ރޭގަނޑު، ފިރިހެނުން ނާއި ކުޑަކުދީން ނިދައި ރަށް ހިމޭންވުމުން އެރަށުގެ އަންހެނުން، ސިއްރުން ނުކުމެ ނަވުގައި ހުރި ގަހަނާތަކާއި ކޯޑި ނެގުމަށްފަހު އުޅަނދުގެ ވާ ކަނޑާލައެވެ. ދެން އެ ނާ، އޮޔާދެއެވެ.

އިނގުރައިދޫ ކޯޑި - ނާގަނޑު އެޅުން، ފޮޓޯ: އިއްސެ، އެފްބީ

ހެނދުނު އިރު އެރުމުން ފިރިހެން ވެރީންނަށް މި ނައުގެ ތަކެތި ގެއްލި ނައުވެސް އޮޔާދިޔަކަން އެނގުމުން މިކަން ކުރި ބަޔަކު ހޯދުމަށް ޝަރިއަތް ފަށައެވެ. މި ޝަރިޔަތް ކުރިއަށްދާއިރު އެ ނަވުގެ މީހުނާއި ރަށުގެ އެންމެން ބައިވެރިވެ އެވެ. އަދި ޝަރިޔަތް ނިމި އަދަބު ލިބެނީ މިކުށުގައި ބައިވެރި ނުވާ މީހަކަށް ކަމަށް ސާހީން ކިޔައިދެއްވިއެވެ. ދެން ޝަރިޢަތުން ކުށް ސާބިތުވި މީހާ އަށް ހުކުމް ތަންފީޒުކުރެއެވެ. އޭނާގެ ގައިގައި ކަޅުތެލާއި ދެލި ފަދަ އެއްޗެތި އުނގުޅައި އަދަބުދެއެވެ. އެއަށްފަހު އަންހެ ވެރީން މި މީހާ މޫދަށްލައި ދެއްޔާއި ތެޔޮ ފިލުވައި، ފެންވަރުވައި، ރީތިކޮށް ހުވަނދުލާ ހަދައެވެ.

އިނގުރައިދޫމީހުންގެ ކޯޑި ނާ ކުޅޭތަން ފެނުމުން ނޫނީ މިކަމުގައި ހުރި ފޯރިއާއި ޖޯޝެއް ނޭނގޭނެ އެވެ. މި ކުޅިވަރުގެ ފުރިހަމަކަން އިނގުރައިދޫމީހުން ބަދެލާފައިވާ ނަވުން ސާބިތުކޮށްދެއެވެ. ހީވަނީ ހަމަ "ޕައިރެޓް ޝިޕެއް" ހެނެވެ. އިނގުރައިދު އަކީ މިފަދަ ކަންކަން ކުރުމަށް ހުނަރުވެރި ޤާބިލު ފަންނާނުންތަކެއް ދިރިއުޅޭ ރަށެކެވެ.