ސްރީލަންކާގައި އެތައް އަހަރެން ވަންދެން ހިނގި، ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިގައި މަރުވި ތަމަޅަ ޓައިގަރު ބާޣީންގެ ހަނދާންތައް އައުކުރުން ސްރީލަންކާގައި މަނާކޮށްފިއެވެ.
ހަނގުރާމައިގައި މަރުވި ތަމަޅަ ޓައިގަރު ޖަމާއަތަށް ނިސްބަތްވާ މީހުންގެ ހަނދާންތައް އައުކުރުން ސްރީލަންކާގައި މިއަދުން ފެށިގެން މަނާކުރީ، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މިކަމާ ގުޅޭގޮތުން ކޯޓަށް ހުށަހެޅުއްވި ޕެޓިޝަނަކާ ގުޅިގެން ކޯޓުންނެވެ.
ސްރީލަންކާގެ އުތުރާއި، އިރުމަތީގައި ތަމަޅަ ނަސްލުގެ މީހުންނަށް ވަކި ދައުލަތެއް އުފެއްދުމަށް ކަމަށްބުނެ، ތަމަޅައިގެން ތެރެއިން ބަޔަކު "ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް، އެލްޓީޓީއީ" ގެ ނަމުގައި ޖަމާއަތެއް ހަދައިގެން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށީ 1972 ވަނަ އަހަރުއެވެ.
37 އަހަރަށް ދެމިގެންދިޔަ މިހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނެވުނުއިރު، ސްރީލަންކާގެ ދިފާއީ ވަޒީރަކަށް ހުންނެވީ މިހާރުގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައެވެ. ރައީސަކަށް ހުންނެވީ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައެވެ.
ތަމަޅަ ޓައިގަރުން ކުރަމުންދިޔަ ލޭއޮހޮރުވުންބޮޑު ހަނގުރާމަ ނިމުމަކަށް ގައުމުގެ ކްރެޑިޓް، ސްރީލަންކާގައި ބައިގިނަ ސިންގަޅައިން ދެނީ މިހާރުގެ ރައީސަށާއި ބޮޑުވަޒީރަށެވެ.
މި ހަނގުރާމައިގައި ލައްކައަކަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް އދއިން އަންދާޒާކޮށްފައި ވެއެވެ.
ހަނގުރާމައިގެ ތެރޭގައި މަރުވި ތަމަޅަ ޓައިގަރު ޖަމާއަތުގެ މީހުންގެ މަރުގެ ހަނދާން އައުކުރަން ތަމަޅައިން ފާހަގަކުރާ "ބަތަލުންގެ ދުވަސް" ފާހަގަ ކުރުން ތަމަޅައިންނަށް ކުރީން އެތައް އަހަރެއް ވަންދެން އޮތީ މަނާކޮށްފައެވެ.
ނަމަވެސް، 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މަހިންދަ ރާޖަޕަކްސަ ބަލިވެވަޑައިގެން، ވެރިކަން ބަދަލުވުމާއެކު "ބަތަލުންގެ ދުވަސް" ފާހަގަކުރުން މަނާކޮށްފައި އޮތްއޮތުން އުވާލިއެވެ.
މިދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މަނާކޮށްދިނުމަށް ސްރީލަންކާގެ އުތުރުގެ ކޯޓުތަކަށް ރައީސް ގޮޓަބާޔަ ރާޖަޕަކްސަ މައްސަލަ ހުށަހެޅުއްވީ މި ހަފްތާ ތެރޭގައި ކަމަށާއި، އަދި އެކަން މަނާކުރުމުގެ ހުއްދަ ކޯޓުތަކުން ދީފައިވާ ކަމަށް ސްރީލަންކާގެ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.
ތަމަޅައިންގެ "ބަތަލުންގެ ދުވަސް" ފާހަގަކުރުން މަނާކުރުމާ ދެކޮޅު ހަދާފައިވަނީ ތަމަޅައިންނަށް ނިސްބަތްވާ އެންމެބޮޑު ސިޔާސީ ޕާޓީކަމަށްވާ، ޓެމިލް ނޭޝަނަލް އެލަޔަންސުންނެވެ. އެޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތަމަޅައިންގެ މީހަކު މަރުވުމުންވެސް ސްރީލަންކާގައި ތަފާތުކުރުން ގެންގުޅޭ ކަމަށެވެ.